
މިނިސްޓަރު މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ޝެއާކުރެއްވި ޕޯސްޓެއްގައެވެ. "މޯލްޑިވްސް 2.0" އަކީ ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ކުރިއަށްގެންދާ ހާއްސަ މަޝްރޫއެއް ކަމަށާއި، މި މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތެއްގައި އިފްތިތާހުކޮށްދެއްވާފައެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ ދައުލަތާއި ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، ބިޔުރޯކްރަސީގެ ސަބަބުން ނިޒާމުގައި ހުރި އުނދަގޫތައް ނައްތާލުމަކީ ތަރައްގީއަށް ރާއްޖެ ކުރާ މަސައްކަތުގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ. އަދި މިކަންކަމުގައި ދުނިޔޭގައި ނަމޫނާ ދައުރެއް އަދާކުރަމުންދާ އެސްޓޯނިއާގެ ތަޖުރިބާ ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައި "މޯލްޑިވްސް 2.0" ގެ ނަމުގައި ފައްޓަވާފައިވަނީ މުހިއްމު ގައުމީ މަސައްކަތްޕުޅެއް ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން 2040 ވަނަ އަހަރު އަންނައިރު ހުރިހާ މާނައެއްގައި ތަރައްގީވެފައިވާ ގައުމަކަށް ރާއްޖެ ހެއްދެވުމުގެ ވިޝަންގައި ރައީސް މުއިއްޒު ފައްޓަވާފައިވަނީ ވަރަށްވެސް ބޭނުންތެރި މަސައްކަތެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ "މޯލްޑިވްސް 2.0" ގެ ސަބަބުން ސަރުކާރުގެ ހިންގުމުގެ ނިޒާމު ހަރުދަނާވުމުގެ އިތުރުން ވިޔަފާރިއާއި އިންވެސްޓްމަންޓް އަދި ޖުމްލަކޮށް އިގްތިސާދަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ. "މޯލްޑިވްސް 2.0" އަކީ މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންގިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް ސަރުކާރުން އިފްތިތާހުކުރި ޕްރޮގްރާމެއް ކަމަށާއި، މި މަޝްރޫއުގެ ސަބަބުން ސަރުކާރު މިހާރަށްވުރެ "ސްމާޓް"ކޮށް، ހަލުވި ހިދުމަތް ދިނުމަށާއި، ކޮރަޕްޝަން ނައްތާލައި، ދެފުށް ފެންނަގޮތަށް ޓެކްނޮލޮޖީގެ އެހީގައި ހިންގުން ބަދަލުކުރުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ސަރުކާރުން ވިދާޅުވެފައިވެއެވެ.