ހަމްޕުގެ ހެޓްރިކާއެކު، ޔޫވީ އަތުން މާޒިޔާ މިއަދު މޮޅުވީ ހަތް ލަނޑު ދެ ލަނޑުގެ ބޮޑު ތަފާތަކުންނެވެ. މިއާއެކު ޑިފެންޑިންގ ޗެމްޕިއަން މާޒިޔާ އާ ލީގު މި ފެށި ބޮޑު މޮޅަކުންނެވެ. މާޒިޔާއަކީ މިދިޔަ ހަފްތާގައި ނިމުނު ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަނުންވެސް މެއެވެ. އަދި އޭގެ އިތުރުން ސީޒަން ހުޅުވާ މެޗު ކަމަށްވާ ޗެރިޓީ ޝީލްޑްވެސް ނެގީ މާޒިޔާއިންނެވެ.
މިއަދު ހަވީރު ކުޅުނު ޔޫވީ – މާޒިޔާ މެޗުގައި މާޒިޔާގެ ފުރަތަމަ ލަނޑު އަދި މެޗުގެ ފުރަތަމަ ލަނޑު ޖެހީ ނާއިޒު ހަސަން (ދާދު) އެވެ. އެކަމަކު އޭގެ އިރުކޮޅެއް ފަހުން ޔުނައިޓެޑް ވިކްޓްރީން ޝަނާން ރަޝާދު ވަނީ ލަނޑެއް ޖަހައި އެއްވަރުކޮށްފައެވެ. މާޒިޔާއިން ދެވަނަ ފަހަރަށް ކުރި ހޯދީ ލިބުނު ޕެނަލްޓީއަކުން ހަމްޕުއެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔޫވީއިން ދެވަނަ ފަހަރަށް އެއްވަރު ކުރިއެވެ. ޔޫވީގެ މި ލަނޑު ޖެހީ އަހުމަދު ބައްސާމް (ބައްކު) އެވެ.
މާޒިޔާ އިން ތިން ފަހަރަށް ލީޑު ނެގީ މެޗުގެ 68 ވަނަ މިނެޓުގައި ހަމްޕުއެވެ. މާޒިޔާއިން ދެން ޖެހި ލަނޑު ޖެހީ ބިދޭސީ ކުޅުންތެރިޔާ ސްޓެފަން މިހަލޮވިޗެވެ. އަދި އޭގެ އިރުކޮޅެއް ފަހުން އަނެއްކާވެސް ލިބުނު ޕެނަލްޓީއަކުން ހަމްޕު ލަނޑެއް ޖަހައި އޭނާގެ އަދި ލީގުގެ ފުރަތަމަ ހެޓްރިކް ފުރިހަމަ ކުރިއެވެ. މާޒިޔާގެ ހަވަނަ ލަނޑުވެސް ޖެހީ ބިދޭސީ ކުޅުންތެރިޔާ ސްޓެފަންއެވެ. އަދި މާޒިޔާގެ ފަހު ލަނޑު ޖެހީ އަލީ ފާސިރު ސެންޓޭއެވެ.
ލީގުގައި މާޒިޔާ ދެން ކުޅޭނީ ގްރީން ސްޓްރީޓްސްއާއެވެ. އަދި ޔޫވީ ދެން ކުޅޭނީ ސުޕަރ ޔުނައިޓެޑް ސްޕޯޓްސްއާއެވެ.