އެގޮތުން ޓްވިޓާއަށް ނުވަދެވޭއިރު ބައެއް ސަރަހައްދު ތަކުން އެއްކޮށް އިންޓަނެޓް ކަނޑާލާފައި ވާކަމަށް ރިޕޯޓްތައް ބުނެއެވެ.
މަގާމުން ދުރުކޮށްފައިވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާންގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ދައުވާއެއްގެ އަޑުއެހުމަށް އިއްޔެ ވެރިރަށް އިސްލާމްއާބާދުގެ ކޯޓަކަށް ވަޑައިގެންނެވި ތަނުން ވަނީ ހައްޔަރުކޮށްފައެވެ.
އެއާއެކު އިމްރާގެ ސަޕޯޓަރުން ވަނީ މަގުތަކަށް ނިކުމެ ވަރުގަދަ މުޒާހަރާ ތަކެއް ފަށައިފަ އެވެ.
އިމްރާން ހައްޔަރުކުރި ވީޑިއޯއެއް އާއްމުވެފައިވާއިރު، އެތައް ސަތޭކަ ފުލުހުންގެ އެ އޮޕަރޭޝަންގައި ހަރަކާތްތެރި ވެއެވެ.
މޫނު ނިވައިކޮށްގެން ތިބި ފުލުހުންގެ ފައުޖަކުން އިމްރާން ހައްޔަރުކޮށްގެން ފުލުހުންގެ ވެހިކަލަކަށް އަރުވާ މަންޒަރު ފެނެއެވެ.
އިމްރާން ހާންގެ ޕާކިސްތާން ތެހްރީކޭ އިންސާފް (ޕީޓީއައި) އިން ބުނީ އިމްރާން ހައްޔަރުކޮށްގެން ގެންދިޔަ ތަނެއް ނޭންގޭ ކަމަށެވެ. އަދި އެޕާޓީން ވަނީ ސަޕޯޓަރުން މަގުތަކަށް ނިކުތުމަށް ގޮވާލަފައެވެ.
އިމްރާން ހައްޔަރުކުރަން މީގެ ކުރިންވެސް ފުލުހުން މަސައްކަތް ކުރިއެވެ. ނަމަވެސް އިމްރާންގެ ސަޕޯޓަރުންގެ ސަބަބުން ފުލުހުންނަށް އެކަން ކުރިން ކާމިޔާބު ވެފައެއް ނުވެއެވެ.
ޕާކިސްތާން ފުލުހުން ބުނީ އިމްރާން ހައްޔަރުކޮށްފައިވަނީ ބަލަމުންދާ ކޮރަޕްޝަންގެ މައްސަލެއެއްގައި ކަމަށެވެ.
މިދިޔަ އަހަރު ނެގި އިތުބާރު ނެތްކަމުގެ ވޯޓްގައި އިމްރާން މަގާމުން ވަކިކުރުމަށްފަހު އެތައް ސަތޭކަ ދައުވާއެއްވަނީ ކޮށްފައެވެ. އިމްރާންގެ ޕާޓީން ބުނެފައިވަނީ އޭނާގެ މައްޗަށް ކުރަމުންދަނީ ސިޔާސީ ދައުވާތަކެއް ކަމަށެވެ.
އިމްރާން މީގެކުރިން ވަނީ ސަރުކާރުން އޭނާ އަވަހާރަކޮށްލުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް ބުނެފައެވެ. ނަމަވެެސް ޕާކިސްތާން ސަރުކާރުން އެކަން ދޮގު ކުރެއެވެ.