ads
ބޮން ގޮއްވާލި ތަން
ނަޝީދަށް ބޮމުގެ ހަމަލާދިން މައްސަލައިގައި އަލުން ހެކި ހުށަހަޅަނީ
ރައީސް ނަޝީދަށް އަމާޒުކޮށް މީގެ ދެ އަހަރު ކުރިން ދިން ބޮމުގެ ހަމަލާގެ މައްސަލައިގައި ދައުވާކޮށްފައިވާ ތަހުމީން އަހުމަދުގެ ގާނޫނީ ވަކީލެއްގެ އިހުމާލުން އޭނާއަށް ދިފާއުވުމަށް ހެކި ހުށަހެޅުމުގެ ފުރުސަތު ގެއްލުމުން، އޭނާއަށް ހެކި ހުށަހަޅަން އިތުރު ފުރުސަތެއް ދޭން ޝަރީއަތުން މިއަދު ނިންމައިފިއެވެ.
Advertisement

އެ މައްސަލައިގައި އިބްތިދާއީ މަރުހަލާގައި ދިފާއީ ހެކި ހުށަހަޅަން ދިން މުއްދަތު ތެރޭގައި ތަހުމީންގެ ފަރާތުން ދިފާއީ ހެކި ހުށަހަޅާފައި ނުވަނީ އޭނާގެ ވަކީލުން މިއަދު ކޯޓުގައި ބުނި ގޮތުގައި ހކުރީގެ ވަކީލެއްގެ އިހުމާލުންނެވެ. 

އެ އިހުމާލަށް އިއުތިރާފުވެ، ތަހުމީންގެ ކުރީގެ ވަކީލު ވަނީ އެކަމުގެ ސަބަބުން ތަހުމީނުގެ ހައްގެއް ގެއްލޭތީ ހެކިތައް ބަލައިގަތުމަށް އިތުރު ފުރުސަތެއް ދިނުމަށް ކޯޓުގައި އެދިފައެވެ.

ތަހުމީންގެ މިހާރުގެ ދިފާއީ ވަކީލު ވިދާޅުވީ، ކުރީގެ ވަކީލު ގާތުގައި ހެކި ހުށަހެޅުމުގެ ވާހަކަ ދެއްކުމުން މުއްދަތު އޮތް ކަމަށް ބުނަމުން ދިޔަ ކަމަށެވެ. އަދި ހެކި ހުށަހެޅޭނެ ކަމަށް ތަހުމީންއަށް ލަފާދެމުން ދިޔަ ކަމަށެވެ. ވަކީލު ވިދާޅުވި ގޮތުގައި ހެކި ހުށަހެޅުމުގެ ފުރުސަތު ގެއްލުނީ ހެކި ހުށަހެޅޭނެ އެންމެ ފަހު ތާރީހު އެ ވަކީލަށް އޮޅިގެންނެވެ.

ވަކީލުގެ އިހުމާލު އޮތްކަން ތަހުމީންގެ ފަރާތުން ފާހަގަކުރުމުން ދައުލަތުން ބުނީ، ވަކީލުގެ އިހުމާލުގެ ސަބަބުން ތަހުމީންގެ ހައްގަކަށް އުނިކަން އަންނާތީ އަލުން ހެކި ހުށަހަޅަން އޭނާއަށް ފުރުސަތު ދިނުމަށް އިއުތިރާޒެއް ނެތް ކަމަށެވެ.

ތަހުމީންގެ ފަރާތުން ހެކިތައް ހުށަހަޅާފައި ވަނީ ދެ ކަމެއް ސާބިތުކުރުމަށެވެ. އެއީ ބޮން ގޮއްވާލުމުގެ ހާދިސާ ހިނގިރޭ އޭނާ ހުރީ އިޝާ ނަމާދުން ފެށިގެން ތަރާވީސް ނިމެންދެން މިސްކިތެއްގައިކަމާއި އޭނާ އަކީ ސައިކަލެއް ގަތުމުގެ ގާބިލުކަން ނެތް މީހެއްކަން ސާބިތުކުރުމަށެވެ. އެ ކަންކަން ސާބިތު ކުރުމަށް އޭނާ ހަ ހެކި ހުށަހެޅިއެވެ.

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން، ރައީސް ނަޝީދުގެ މައިފުނަގެއިން ނުކުންނަވައިގެން ހިންގަވާފައިވާ މަޖީދީމަގަށް ނުކުންނަވަނިކޮށް ޕާކްކޮށްފައި އޮތް ސައިކަލެއްގައި ހަރުކޮށްފައި ހުރި އައިއީޑީއެއް ގޮއްވާލި މައްސަލައިގައި މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށް ދަނީ، ޓެރަރިޒަމްގެ އެކި ދައުވާ އުފުލިފައިވާ ތަހުމީން އަހުމަދާއި މުޖާޒް އަހްމަދާއި އަލީ ހައިޝަމާއި މުހައްމަދު ނާޒިމާއި އިސްހާގާއި ފަހުމީ އަލީގެ ޝަރީއަތްތަކެވެ.

އެ މައްސަލަ ކުރިން ބެލި ބެންޗު އުވާލުމުން ހަވާލުވި ގާޒީ ސޮފްއަތު ހަބީބު ނިންމާފައި ވަނީ އޭނާ ހަވާލުވުމުގެ ކުރިން ޝަރީއަތް ހިނގާފައި އޮތް ހިސާބުން ކުރިއަށްގެންދާށެވެ. މީގެ ކުރިން މައްސަލައިގެ އިބްތިދާއީ މަރުހަލާ ނިންމާލާފައިވާއިރު، މިއަދު އޮތީ ހެކިބަސް ނަގަން ފަށަން ބޭއްވި އަޑުއެހުމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް