މިއަދު ބޭއްވި ރަސްމިއްޔާތުގައި އައިސީޔޫ ހުޅުއްވާދެއްވީ ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމް އެވެ.
ޑައިލިސިސްގެ ހިދުމަތާއިއެކު ހުޅުވި މި އައިސީޔޫގައި މިހާރު އެއްފަހަރާ ހަ މީހުނަށް ފަރުވާ ދެވޭނެއެވެ. ކުރިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި އެއްފަހަރާ ފަރުވާ ދެވެނީ ތިން މީހުނަށެވެ.
އަލަށް ހުޅުވި އައިސީޔޫގައި ގައިން ގަޔަށް އަރާ ބަލިތަކަށް ފަރުވާދޭނެ އިންތިޒާމުވެސް ހަމަޖެހިފައިވާކަމަށާއި އައިސޮލޭޝަން ހިދުމަތްވެސް ދެވޭނެކަމަށް ކޭއާރުއެޗުން ބުނެއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އާ އައިސީޔޫ ގާއިމް ކޮށްފައިވަނީ އެންމެ ފަހުގެވަސީލަތްތަކާއި އެކުގައެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ މާލޭން އުތުރުގައި އެންމެ ގިނަ ބަޔަކު ފަރުވާހޯދާ ހޮސްޕިޓަލެވެ.