ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ވަނީ ހުޅުމާލެއިން ބިމާއި ގޯތި ދިނުމަށް އިއުލާން ކުރި އިރު ހުޅުމާލޭގެ މާސްޓާ ޕްލޭން ބަދަލުކޮށް ބިން ހިއްކަން ޖެހޭނެކަން ނޭނގޭތޯ މިއުވާން އާއި ސުވާލުކޮށްފަ އެވެ.
މިއުވާން ވިދާޅުވީ ހުޅުމާލޭގެ ބިން ހިއްކުމާ ގުޅޭ ގޮތުން ސަރުކާރާއި އާބަންކޯއާއި ދެމެދު މަޝްވަރާ ކުރެވެމުން ދާ ކަމަށާއި މަޝްވަރާގެ މަރުހަލާގައިވާ ކަމަކަށްވުމުން ދެ ފަރާތަށްވެސް އެކަމުގެ މައުލޫމާތު ހާމަ ނުކުރެވޭނެ ކަމަށެވެ.
ހުޅުމާލެއިން ބިން ހިއްކުމަށް މަޝްވަރާ ކުރެވެމުން ދަނީ މީގެ ކުރިން ސަރުކާރުން އިއުލާން ކުރި ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމަށް ބިން ބޭނުންވެގެން ނޫން ކަމަށްވެސް މިއުވާން ވަނީ ވިދާޅުވެފަ އެވެ.
މިއުވާން ވިދާޅުވީ ހިއްކަން މަޝްވަރާ ކުރެވެމުންދާ ބިމާއި ބެހޭ ގޮތުން ތަފްސީލީ މައުލޫމާތު ދެވެން ނެތް ނަމަވެސް މިހާރު އިއުލާން ކުރެވިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫތަކަށް ބޭނުންވާ ބިން މާލެ ސަރަހައްދުގައި ހުރި ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
ހުޅުމާލޭގެ ފަޅު ހިއްކައިގެން ބިން އިތުރުކުރުމާއި މެދު ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރާކަން ފާހަގަ ކުރައްވަމުން މިއުވާން ވަނީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭން އެބޭފުޅުން ދެކޮޅުހައްދަވަނީތޯ ސުވާލު ކުރައްވާފަ އެވެ.