
ކޯޓްގައި އިންނަވަނިކޮށް މިމަހުގެ 9 ވަނަ ދުވަހު އިމްރާން ހައްޔަރުކޮށްގެން ގެންދިޔައީ ކޯޓް އިމާރާތައް ގެއްލުންދީ، ދޮރުތަކުގެ ބިއްލޫރިތައް ތަޅާލައިގެން، ފުލުހުން ކޯޓް ތެރެއަށް ވަދެއެވެ.
އެގައުމުގެ ސްޕްރީމް ކޯޓުން ދެންމެ ނެރުނު އަމުރުގައި ބުނެފައިވަނީ އިމްރާން ހައްޔަރުކޮށްގެން ގެންދިޔައީ ގާނޫނާއި ހިލާފަށް ކަމަށެވެ. އަދި އިމްރާން ވަގުތުން ދޫކޮށްލުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އިމްރާން ހައްޔަރުކުރަން މީގެ ކުރިންވެސް ފުލުހުން މަސައްކަތް ކުރިއެވެ. ނަމަވެސް އިމްރާންގެ ސަޕޯޓަރުންގެ ސަބަބުން ފުލުހުންނަށް އެކަން ކުރިން ކާމިޔާބު ވެފައެއް ނުވެއެވެ.
ޕާކިސްތާން ފުލުހުން ބުނީ އިމްރާން ހައްޔަރުކޮށްފައިވަނީ ބަލަމުންދާ ކޮރަޕްޝަންގެ މައްސަލެއެއްގައި ކަމަށެވެ.
ސްޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި، އިމްރާންގެ މައްޗަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލައަކީވެސް ގާނޫނާއި ހިލާފަށް ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށެވެ.
މިދިޔަ އަހަރު ނެގި އިތުބާރު ނެތްކަމުގެ ވޯޓްގައި އިމްރާން މަގާމުން ވަކިކުރުމަށްފަހު އެތައް ސަތޭކަ ދައުވާއެއްވަނީ ކޮށްފައެވެ. އިމްރާންގެ ޕާޓީން ބުނެފައިވަނީ އޭނާގެ މައްޗަށް ކުރަމުންދަނީ ސިޔާސީ ދައުވާތަކެއް ކަމަށެވެ.
އިމްރާން މީގެކުރިން ވަނީ ސަރުކާރުން އޭނާ އަވަހާރަކޮށްލުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް ބުނެފައެވެ. ނަމަވެެސް ޕާކިސްތާން ސަރުކާރުން އެކަން ދޮގު ކުރެއެވެ.