ކަރެކްޝަންސް ކޮމިޝަނަރު އަހްމަދު މުހައްމަދު ފުޅު މިއަދު މިކަން ހާމަ ކުރައްވާ ވިދާޅުވީ، އެ އިދާރާގެ މުވައްޒަފު މިހާރު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އޭނާގެ ނަމެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
އަހްމަދު މުހައްމަދު ވިދާޅުވީ އިންޓެލިޖަންސްއަށް ލިބުނު މައުލޫމާތަކަށް ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އައްސޭރި ޖަލަށް ވައްދަން މަސައްކަތް ކުރި މަސްތުވާތަކެތި ވަނީ އޮފިސަރަކާއި އެކު އަތުލައިގަނެވިފައި ކަމަށެވެ. އަދި މި އޮފިސަރު ހައްޔަރުކޮށްފައި ވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޖަލުތަކަށް މަސްތުވާތަކެތި ވެއްދުމުގެ ކަންކަމުގައި ޖަލު އޮފިސަރުންގެ ބައިވެރިވުން އޮތް ކަން މީގެ ކުރިންވެސް ވަނީ ފާހަގަ ކުރެވިފައެވެ. އަހްމަދު ވިދާޅޫވީ މިފަދަ ކަންކަމުގައި މަދުންނަމަވެސް އޮފިސަރުން ބައިވެރިވާކަމީ އިންތިހާއަށް ކަންބޮޑުވާކަމެއް ކަމަށެވެ.