މި އެވޯޑް މޯލްޑިވްސް ޕޯސްޓަށް ހަވާލުކޮށްފައިވަނީ ސްވިޒަލޭންޑުގެ ވެރި ރަށް ބާންގައި ބޭއްވުނު އީއެމްއެސް ކޯޕަރޭޓިވް ޖެނެރަލް އެސެމްބްލީގައެެވެ. މޯލްޑިވްސް ޕޯސްޓްގެ ފަރާތުން މި އެވޯޑާ ހަވާލުވެފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދެވެ.
އެންމެ ފެންވަރު ރަނގަޅު އީއެމްއެސް ހިދުމަތް ދޭ ފަރާތަށް ދެވޭ މި އެވޯޑަކީ އީއެމްއެސް ހިދުމަތްދޭ 174 ގައުމުގައި ހިދުމަތްދޭ ފެންވަރު ބަލާ ރޭންކް ކުރެވިގެން ދޭ އެވޯޑެކެވެ.
މިދިޔަ އަހަރު އީއެމްއެސްގެ ހިދުމަތް ދޭ ފަރާތްތަކުން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރުގެ މައްޗަށް ބިނާކޮށް މޯލްޑިވްސް ޕޯސްޓަށް 'ގޯލްޑް އެވޯޑް' ލިބިފައިވާއިރު، 2019 އަދި 2021 ވަނަ އަހަރު އެ ކުންފުނިން ވަނީ 'ބްރޯންޒް އެވޯޑް' ވެސް ހޯދާފައެވެ. ރާއްޖޭގެ އިތުރުން ގޯލްޑް އެވޯޑް ލިބިފައިވާ ގައުމުތަކުގެ ތެރޭގައި އަޒަރުބައިޖާން، މިޔަންމާ، އޮމާން އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް ހިމެނެއެވެ. އަދި ގަތަރަށް ސިލްވަ އެވޯޑް ލިބިފައިވާއިރު ބްރޯންޒް އެވޯޑަށް އެއްވެސް ގައުމެއް ހޮވިފައެއް ނުވެއެވެ.
މި ކޯޕަރޭޓިވް ޖެނެރަލް އެސެމްބްލީގައި އީއެމްއެސް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މެންބަރު ގައުމުތަކުން ދިނުމަށް ބޭނުންވާ ސްޓްރެޓެޖިކް ނިންމުންތައް ހުށަހަޅާ ފާސް ކުރެވިފައިވެއެވެ. މީގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕޯސްޓް މެދުވެރިކޮށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރުމަށް މި އަހަރުގެ ޖޫން މަހު ޖަޕާނުގައި ވޯލްޑް ކަސްޓަމްސް އޯގަނައިޒޭޝަން-ޔުނިވާސަލް ޕޯސްޓަލް ޔޫނިއަން ގްލޯބަލް ކޮންފަރެންސް އަދި ސެޕްޓެމްބަރު މަހު އިންޑޮނޭޝިއާގައި ރީޖަނަލް އީއެމްއެސް ސިމްޕޯސިއަމްއެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ދުނިޔޭގެ ފެންވަރުގައި ބޭއްވޭ މިފަދަ ބައްދަލުވުންތަކުގައި މޯލްޑިވްސް ޕޯސްޓުން ބައިވެރިވެ ޕޯސްޓްގެ ހިދުމަތްތައް ދިނުމުގައި ގެންނަން ޖެހޭ ބަދަލުތައް ގެންނަމުން ދާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވިއެވެ.
އާދަމް މުހައްމަދު ވިދާޅުވީ މޯލްޑިވްސް ޕޯސްޓްގެ އަމާޒަކީ ފެންވަރު ރަނގަޅު ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށާއި މި އަހަރުވެސް އީއެމްއެސް ޕާފޯމެންސް އަދި ކަސްޓަމާ ކެއާ އެވޯޑް ހާސިލު ކުރުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އީއެމްއެސްގެ ވިއުގަ މެދުވެރިކޮށް ކޮންމެ ހަފުތާއަކު އަށް މިލިއަނަށް ވުރެ ގިނަ އައިޓަމްތައް އެއް ގައުމުން އަނެއް ގައުމަށް ފޮނުވަމުންދާއިރު، މުހިންމު ލިޔެކިއުންތަކާއި ބޭހާއި ސްޕެއާޕާޓްސް އަދި އާންމު ދިރިއުޅުމުގައި ބޭނުން ކުރާ ތަކެތި އީއެމްއެސް މެދުވެރިކޮށް ރާއްޖެއަށް ވެސް އަންނަނީ އެތެރެ ކުރަމުންނެވެ.
މޯލްޑިވްސް ޕޯސްޓުން ދެމުން އަންނަ އީއެމްއެސް ހިދުމަތަކީ ރާއްޖޭން ބޭރަށް ފޮނުވާ ތަކެތި ފޮނުވުމަށް އެންމެ އިތުބާރު ކުރެވޭ އަދި އެންމެ އަވަސް ހިދުމަތެވެ. މި ހިދުމަތަކީ ހަރަދު ކުޑަ ހިދުމަތަކަށްވާއިރު އެންމެ ގިނައިން ޕޯސްޓް ކުރެވޭ މަންޒިލްތަކުގެ ތެރޭގައި ސިންގަޕޫރާއި ޔޫއޭއީ އާއި މެލޭޝިއާ އާއި އޮސްޓްރޭލިއާގެ އިތުރުން ސްރީ ލަންކާ ހިމެނެއެވެ.