ފަސްޓްލޭޑީ މިހެން ވިދާޅުވީ ދުނިޔޭގެ ނަރުހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ޑިނަ ނައިޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނަރުހުން ފޯރުކޮށްދެއްވާ ހިދުމަތުގެ ނާރެހަކީ އަޅައިލުމާއި ބެލެހެއްޓުމާއި އަދި ބަލިމީހުންނަށް އެންމެ ހެޔޮގޮތް އިހްތިޔާރު ކުރުމާއިއެކު ކަންކަން ނިންމުންކަމަށާއި ނަރުހުންނަކީ ނަފުސާނީ އަދި ޖަޒުބާތީ ދައުރެއް އަދާކުރާ ބައެއްކަމަށް ފަސްޓްލޭޑީ ވިދާޅުވިއެވެ.
ނަރުހުންނަކީ ބަލިމީހާގެ އެނދުކައިރީގައި ސައްވީސްގަޑިއިރު ތިބޭ އެންމެ ގާތް އެކުވެރިން ކަމަށާ އަދި ބަލި މީހާއަށް ހަމަޖެހުން ހޯދައިދޭ، އޯގާތެރިކަމުން ފުރިގެންވާ ބައެއްކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
ސިއްހީ ނުރައްކާ ކުރިމަތިވާހިނދު އެކަންކަން ހައްލުކޮށް އަމާން އައްސޭރިއަކަށް ވާސިލުކޮށްދިނުމުގެ ހިތްވަރާއި ކުޅަދާނަކަމާއި ކެރުންތެރިކަމާއި ކަންކުރަންވީ އެންމެ ތޫނުފިލިގޮތް ނަރުހުންގެ ކިބައިގައި ހުންނަ ކަމަށްވެސް ފަސްޓްލޭޑީ ވިދާޅުވިއެވެ.
ނަރުހުންނަކީ އަބަދުވެސް އެމީހުންގެ އަމިއްލަ ދަތިތަކުގެ ބުރައަށްވުރެ، އެމީހުންނަކީ ބަލި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންމެ އިސް ދައުރު އަދާކުރާ ބައެއްކަމުގެ އިހުސާސްތަކުން އުފަލާއި ހިންހަމަޖެހުން ލިބިގަންނަ ހިތްވަރުގަދަ ބައެއްގެ ގޮތުގައިވެސް ފަސްޓްލޭޑީ ސިފަކުރެއްވި އެވެ.