
މުބާރާތުގައި ބާކީ ދެން އޮތީ ސެމީ ފައިނަލް މެޗުތަކާ ފައިނަލް މެޗެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މެޗުތައް ހުޅުމާލޭ އައުޓްޑޯ ކޯޓުގައި ކުޅުމަށް ފަހު ސެމީއާ ހިސާބުން ދެން ހުރި މެޗުތައް އިންޑޯއަށް ބަދަލު ކުރީ، ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައާ ހެދި އެވެ.
ސެމީ ފައިނަލް މެޗުތައް ކުޅެން ކުރިން ރާވާފައި އޮތީ މިދިޔަ ބުރާސްފަތި އަދި ހުކުރު ދުވަހުއެވެ. އަދި ފައިނަލް މެޗު މިއަދު އެވެ. އެހެންނަމަވެސް މޫސުމާހެދި ގެނައި ބަދަލުތަކާއެކު މިހާރު ސެމީ ފައިނަލް މެޗުތައް އޮންނާނީ ބުދަ ބުރާސްފަތީގައެވެ. އަދި ފައިނަލް ހޮނިހިރު ދުވަހުއެވެ.
ޖުމްލަ ނުވަ ޓީމެއް ބައިވެރިވި މުބާރާތް ބޭއްވީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ފަސް ޓީމު ހިމެނުނު ގުރޫޕް އޭގެ އެއްވަނަ ހޯދީ ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބު ކުރި އާބަންކޯ އެވެ. ދެވަނަ ހޯދީ ތިން މެޗު ކާމިޔާބު ކުރި ޕޮލިސް ޓީމެވެ. ގުރޫޕް ބީގެ އެއްވަނަ ހޯދީ އެމްއެންޑީއެފް ވަނީ ގުރޫޕް ސްޓޭޖުގެ ތިން މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. ދެ މެޗު ކާމިޔާބު ކޮށްގެން ގުރޫޕް ބީގެ ދެވަނަ ހޯދީ ވެމްކޯއެވެ.
ބުދަ ދުވަހުގެ ހަވީރު ކުޅޭ ސެމީ ފައިނަލް މެޗުގައި ބައްދަލުކުރާނީ ގުރޫޕް ސްޓޭޖުގައި ދެވަނަ ހޯދި ޕޮލިހާއި ވެމްކޯ އެވެ. އެ ރޭ ކުޅޭ މެޗުގައި ކުޅޭނީ މި އާބަންކޯ އާއި ސިފައިންނެވެ.
އާބަންކޯ އާއި ސިފައިން ކުޅޭ މެޗުން މޮޅުވާ ޓީމަކަށް ފައިނަލްގެ ސީދާ ޖާގައެއް ލިބޭނެ އެވެ. ބަލިވާ ޓީމެއް ޖެހޭނީ ޕޮލިހާއި ވެމްކޯ ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށް އަންނަ ބުރާސްފަތި ދުވަހުގެ ރޭ ފަހު ސެމީ ފައިނަލް މެޗެއް ކުޅޭށެވެ. ފައިނަލްގެ ފަހު ޖާގަ ލިބޭނީ އެ މެޗު ކާމިޔާބު ކުރާ ޓީމަކަށެވެ.