ads
ދިވެހި ޖޫނިއާ ޓީޓީ ޓީމުގެ މެންބަރުން
ޖޫނިއާ ޓީޓީ ޓީމުން ލޯ މެޑަލް ހޯދައިފި
ސައުތު އޭޝިއަން ޖޫނިއާ އަދި ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހި ޖޫނިއާ އަންހެން އަދި ފިރިހެން ޓީމުން ލޯ މެޑަލް ހޯދައިފި އެވެ.

ސައުތު އޭޝިއަން ޖޫނިއާ އަދި ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް އޮންނަނީ އިންޑިއާގައެވެ. އިންޑިއާގެ އަރުނަޗާލް ޕްރަދޭޝް ސްޓޭޓްގެ ވެރިރަށް އިޓާނަގަރުގައި މިދިޔަ އާދިއްތަ ދުވަހު ފެށި އެ މުބާރާތުގައި ސާކް ސަރަކައްދުގެ ހަ ގައުމަކުން ވާދަ ކުރެ އެވެ. އެއީ ރާއްޖެ އާއި މުބާރާތް ބާއްވާ ގައުމު އިންޑިއާގެ އިތުރުން، ބަންގްލަދޭޝް އާއި ބޫޓާނާއި ނޭޕާލް އަދި ސްރީ ލަންކާ އެވެ.

ޖޫނިއާ 19 އަހަރުން ދަށުގެ ޓީމް އިވެންޓުގައި 3-0 އިން ރާއްޖެ އިން ބަންގްލަދޭޝް ބަލި ކުރި އެވެ. މަލާކް ބިންތި މުއިއްޒާއި ފާތިމަތު ދީމާ އަލީ އަދި މިޝްކާ މުހައްމަދު އިބްރާހިމް ވެސް އެ މެޗުގައި ކުޅުނު ސިންގަލްސްތައް ކާމިޔާބު ކުރި އެވެ. އެ އިވެންޓުގައި އިންޑިއާ އަތުން 3-0 އިން ބަލިވި އިރު، ނޭޕާލާއި ސްރީ ލަންކާ އަތުން ބަލިވީ 3-2 އިންނެވެ. ނޭޕާލާއި ސްރީ ލަންކާގެ މެޗުގައި ރާއްޖޭން ކާމިޔާބު ކުރީ ދީމާ ކުޅުނު ސިންގަލްސްތަކެވެ.

ޖޫނިއާ ފިރިހެން ޓީމް އިވެންޓުގައި ދިވެހި ކުޅުންތެރިން ކުޅުނު ތިން މެޗުން ވެސް ބަލިވި އެވެ. އެ އިވެންޓުގައި ހަތަރު ޓީމު ވާދަކުރާތީ، ފައިނަލަށް ދިޔަ ދެ ޓީމު ފިޔަވައި ބާކީ ދެ ޓީމަށް ވަނީ ތިންވަނަ ލިބިފަ އެވެ. ބަންގްލަދޭޝް އަތުން 3-0 އިން ބަލިވިއިރު، ސްރީ ލަންކާ އާއި ނޭޕާލް އަތުން ބަލިވީ 3-2 އިންނެވެ. ސްރީ ލަންކާ އާއި ނޭޕާލް މެޗުގައި ކާމިޔާބު ކުރީ އަޚްޔާރު އަހުމަދު ހާލިދު ކުޅުނު ސިންގަލްސްތަކެވެ.

ދިވެހި ޖޫނިއާ ފިރިހެން ޓީމުގައި ހިމެނެނީ އަޚްޔާރުގެ އިތުރުން މުހައްމަދު ތާބިން ސުޖާއު އާއި ޒީކް ހަސަން ލަތީފް އަދި އުމީރު މުހައްމަދު މުއިއްޒެވެ. އަންހެން ޓީމުގައި ހިމެނެނީ ފާދީމާ އާއި މިޝްކާ އަދި މަލާކްގެ އިތުރުން އައިޝަތު ޒާރާ ޝާހިލް އެވެ. ފިރިހެން ކެޑޭޓް ޓީމުގައި ހިމެނެނީ އުމީރު އާއި އައުން އިބްރާހިމް ލަތީފް އަދި މުހައްމަދު ޒާއިމް އަހުމަދެވެ. އަންހެން ކެޑޭޓް ޓީމުގައި ހިމެނެނީ މިޝްކާ އާއި ޒާރާގެ އިތުރުން އައިޝަތު އަލްސާ ނާފިޒެވެ.

މުބާރާތުގެ ޖޫނިއާ މިކްސްޑް ޑަބަލްސް އިވެންޓުގެ ފައިނަލަށް ރާއްޖޭގެ އަޚްޔާރާއި ދީމާގެ ޕެއާ ވަނީ ދަތުރު ކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް