
ފިނޭންސް މިނިސްޓްރީން މިފަހަރު ވިއްކަން ހުޅުވާލި ޓީ ބިލްތަކުގެ ތެރޭގައި އެންމެ ބޮޑު އަދަދަތަށް ހިމެނެނީ 364 ދުވަހުން އަނބުރާ ދައްކާގޮތަށް ވިއްކާ 1.2 ބިލިއަން ރުފިޔާގެ ޓީބިލަކާއި 28 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ހުޅުވާލި އެއް ބިލިއަން ރުފިޔާގެ ޓީބިލަކާއި 182 ދުވަހުން އަނބުރާ ދައްކާ ގޮތަށް ހުޅުވާލި 999.8 މިލިއަން ރުފިޔާ ޓީބިލެވެ.
މީގެއިތުރުން 98 ދުވަހުން އަނބުރާ ދައްކާ ގޮތަށް ހުޅުވާލި 289 މިލިއަން ރުފިޔާގެ ޓީބިލެއް ވެސް ހިމެނެއެވެ.
ތިން ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ޓީބިލް ވިއްކަން ސަރުކާރުން ހުޅުވާލިއިރު މިމަހުވެސް ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޓީ ބިލް ވިއްކިއެވެ.
ރާއްޖޭގައި ވިއްކާ ޓީބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގަ އެވެ.
ޓީ ބިލް ވިއްކަނީ ދައުލަތަށް ލިބޭ އާމްދަނީ ދެކޮޅި ނުޖެހި، ސަރުކާރު ހިންގުމަށް އިތުރަށް ފައިސާ ބޭނުންވުމުން، ފައިސާ ޗާޕްކުރުމުގެ ބަދަލުގައެވެ.