ads
ރާއްޖޭގެ އެންމެ ފުރަތަމަ ޒަމާނީ ސްމާޓް ޕާކިން އާބަންކޯއިން ވަނީ ތައާރަފުކޮށްފައި - ފޮޓޯ:އާބަންކޯ
ސްމާޓް ޕާކިންގެ ޖާގަތަކަށް ކުރިމަތިލާން ހުޅުވާލައިފި
އާބަންކޯއިން ހުޅުމާލޭގައި އަލަށް ތައާރަފް ކުރި ސްމާޓް ޕާކިން ޖާގަތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

އާބަންކޯއިން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ކާރަށް ހާއްސަކޮށްގެން އެކުންފުުނިން ތައާރަފްކުރި ސްމާޓް ޕާކިންގެ ޖާގަތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. 

ސްމާޓް ޕާކިންގެ ޖާގަތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ ހަތްވަނަ ދުވަހުގެ މެންދުރު 14:00 އާ ހަމަ އަށެވެ. އަދި ހަމަ އެދުވަހުގެ މެންދުރުފަހު 14:30 ގައި ބީލަންތައް ހުޅުވާނެ ކަމަށްވެސް އާބަންކޯއިން ބުނެ އެވެ. 

ސްމާޓް ޕާކިން އާއި ބެހޭ އިތުރު މައުލޫމާތު އެ ކުންފުނީގެ ހޮޓްލައިން 1516 އިން ލިބޭނެ އެވެ. 

އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭހެން ފަރުމާކޮށްފައިވާ މި ސްޕާޓް ޕާކިންގައި ޕާކިން ޖާގަ ކަށަވަރުކޮށްގެން ޕާކު ކުރަން އަންނަ ކާރުތަކުގެ ނަމްބަރު ބޯޑު ކޮމްޕިއުޓަ ވިޝަން އިނޭބަލްޑް ކެމެރާއަކުން ރީޑުވެގެން އޮޓޯ ބޫމް ގޭޓު ހުޅުވޭނެކަމަށް އާބަންކޯއިން ބުނެއެވެ. އާބަންކޯއިން ބުނީ މިގޮތަށް ހުށިޔާރުކަމާ އެކީގައި އޮޓޮމެޓިކުން ނަމްބަރު ބޯޑު ދެނެގަތުމަށް އެންމެ ފަހުގެ ޓެކްނޮލޮޖީތަކުގެ ތެރޭގައި ހިމެނޭ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި މެޝިން ލާނިންގް (އެމްއެލް) ބޭނުން ކުރާ ކަމަށެވެ.  

އާބަންކޯއިން ބުނި ގޮތުގައި ހަމައެކަނި ކާރު ޕާކު ކުރުމަށް ކަނޑައެޅިފައިވާ މި ސްމާޓް ޕާކިން ޒޯނުގައި ކުރު މުއްދަތަށް ޕާކު ކުރުމަށާއި ދިގު މުއްދަތަށް ޕާކު ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޖާގަތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ޖާގަތައް ހުންނާނެ ކަމުގައެވެ. ކުރު މުއްދަތަށް ޕާކު ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް ޕާކިން އެޕްލިކޭޝަނެއް ވަނީ ތައްޔާރު ކުރެވިފައި ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އާބަންކޯއިން ބުނީ ފިތުރޯނު ޕާކިން ޒޯނަކީ އެންމެ ފުރަތަމަ ސްމާޓް ޕާކިން ޒޯނު ކަމުގައި ވީނަމަވެސް ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި އިތުރު ސްމާޓް ޕާކިން ޒޯނުތައް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ތައާރަފުކުރެވި ޕާކިންގެ ކަންކަމަށް އިންގިލާބީ ބަދަލެއް ގެނެވިގެންދާނެ ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް