ނައިބު ރައީސް މިހެން ވިދާޅުވީ، ހޮޓެލް ޖެންގައި ކުރިއަށްދާ ކްރިމިނަލް ޖަސްޓިސް ސެކްޓާ ހައިލެވެލް ކޮންފަރެންސް ފެށުމަށް ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއީ އެއްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކޮންފަރެންސް އެކެވެ.
ނައިބު ރައީސް ވިދާޅުވީ ކުށުގެވެއްޓަށާއި، ކުށްވެރީން ކުށްކުރާ ގޮތްތަކަށް ބަދަލު އައިސްފައިވާކަމަށާއި އެއާ އެއްވަރަށް ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ އިދާރަތައްވެސް ކުރިއަރައި އަދާހަމަވެފައި ވާންޖެހޭނެ ކަމަށެވެ.
ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ބޭނުންވާ ތަމްރީނުތަކާއި ވަސީލަތްތައް ފޯރުވައިދޭން ޖެހޭކަން ފާހަގަ ކުރައްވަމުން ފައިސަލް ނަސީމް ވިދާޅުވީ އަދުލުއިންސާފު ގާއިމުކުރުމުގެ ދާއިރާ ތަރައްގީކުރުމަށް މިސަރުކާރުން ވަރަށްބޮޑު ސަމާލުކަމެއްދީ މިފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
އަދުލުއިންސާފު ގާއިމުކުރުމުގެ ދާއިރާގައި ރާއްޖޭގައި ހުރި ބައެއް ގޮންޖެހުންތައް ފާހަގަ ކުރައްވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ ރާއްޖޭގެ އާބާދީކުޑަކަމާއި އެކަކު އަނެކަކާއި ގާތް މުޖުތަމައަކަށް ވުމުން ނުކުންނަ މަސައްލަތައްވެސް ހުންނަ ކަމަށެވެ.
މިޖަލްސާގައި ޖިނާއީ އަދުލުގެ ނިޒާމްގައި ހިމެނޭ އިދާރާތަކުގެ މެދުގައި ފަސޭހަ ކަމާއިއެކު މައުލޫމާތު ބަދަލުކުރެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ، ކްރިމިނަލް ޖަސްޓިސް ޑާޓާބޭސް އެއް ނައިބު ރައީސް ވަނީ އިފްތިތާހު ކޮށްދެއްވާފަ އެވެ.
މި ޑާޓާ ބޭސް އަކީ "އެވިޑެންސް ބޭސްޑް މެނޭޖްމެންޓް އެންޑް ޑިސިޝަން މޭކިން އިން ކްރިމިނަލް ޖަސްޓިސް ސެކްޓަ" ގެ ނަމުގައި އޮސްޓްރޭލިއާ ސަރުކާރުގެ އެހީގައި ޔުނިސެފްއާއި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ފަންނީ އެހީތެރިކަމާއި އެކު ހިންގި ޕްރޮޖެކްޓްގެ ދަށުން އިފްތިތާހު ކުރެވުނު ޑާޓާ ބޭސް އެކެވެ.
މި ޑާޓާ ބޭސް އުފެއްދުމުގެ މަގުސަދުގައި އިސްނަގައިގެން މަސައްކަތްކޮށްފައިވަނީ ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުންނެވެ.