
އާބަންކޯ ފައިނަލަށް ދިޔައީ ބުދަ ދުވަހުގެ ރޭ ކުޅުނު ސެމީ ފައިނަލުގައި ފަހަތުން އަރައި އެމްއެންޑީއެފް ބަލިކޮށްގެންނެވެ. ސެމީ ފައިނަލުގެ ފުރަތަމަ ސެޓު އެމްއެންޑީއެފުން ގެންގޮސްފައިވަނިކޮށް އާބަންކޯއިންވަނީ ފަހަތުން އަރައި ތިން ސެޓު ކާމިޔާބުކޮށްފައެވެ. ފުރަތަމަ ސެޓުން އެމްއެންޑީއެފް މޮޅުވީ 25-22 ންނެވެ. ފަހު ތިން ސެޓުން އާބަންކޯ މޮޅުވީ 25-20، 28-26 އަދި 25- 23 ންނެވެ.
މުބާރާތުގެ ފައިނަލުގައި އާބަންކޯއާ ކުޅޭނެ ޓީމެއް އެނގޭނީ މާދަމާރޭ ކުޅޭ ފަހު ސެމީންނެވެ. ފަހު ސެމީގައި ކުޅޭނީ ބުދަ ދުވަހު ހަވީރު އޮތް ސެމީގައި ޕޮލިސް ބަލިކުރި ވެމްކޯއާ އާބަންކޯ އަތުން ބަލިވި އެމްއެންޑީއެފްއެވެ. ޕޮލިސް – ވެމްކޯ މެޗުން ވެމްކޯ މޮޅުވީ ތިން ސެޓު އެއް ސެޓުންނެވެ.
ޖުމްލަ ނުވަ ޓީމެއް ބައިވެރިވި މުބާރާތް ބޭއްވީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ފަސް ޓީމު ހިމެނުނު ގުރޫޕް އޭގެ އެއްވަނަ ހޯދީ ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބު ކުރި އާބަންކޯ އެވެ. ދެވަނަ ހޯދީ ތިން މެޗު ކާމިޔާބު ކުރި ޕޮލިސް ޓީމެވެ. ގުރޫޕް ބީގެ އެއްވަނަ ހޯދީ އެމްއެންޑީއެފް ވަނީ ގުރޫޕް ސްޓޭޖުގެ ތިން މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. ދެ މެޗު ކާމިޔާބު ކޮށްގެން ގުރޫޕް ބީގެ ދެވަނަ ހޯދީ ވެމްކޯއެވެ.
ފައިނަލް މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭއެވެ.