ads
މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް
ރައީސް ފޮނުއްވި ސިޓީ ހާމަކުރަން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްފި
މޮރިޝަސްއާއި ރާއްޖޭގެ ކަނޑުގެ ފުށުއަރާ ސަރަހައްދު ބެހުމުގެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ސަރުކާރަށް ފޮނުއްވި ސިޓީފުޅެއްގެ ސަބަބުން ރާއްޖޭގެ ކަނޑުން ބައެއް ގެއްލިފައިވާކަމަށް ބުނެ އެ ސިޓީ ހާމަ ކުރަން ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅީ އިދިކޮޅު ޕީއެންސީއަށް ނިސްބަތްވާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ. 

އާދަމް ޝަރީފް ވިދާޅުވީ ރައީސް ސޯލިހު މޮރިޝަސްއަށް ފޮނުއްވި ސިޓީގައި ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ތަނެއް ކަމަށް އެއްބަސް ވެފައިވާ ކަމަށާއި ރާއްޖެއާއި މޮރިޝަސްގެ ކަނޑު މައްސަލައިގައި ރާއްޖެއިން ކުރިން ގެންގުޅު ސްޓޭންޑް ބަދަލުކޮށްފައިވާކަން އިޓްލޮސްގެ ނިންމުމުން އިނގޭ ކަމަށެވެ. 

އާދަމް ޝަރީފް އިތުރަށް ވިދާޅުވީ މި މައްސަލަ އިޓްލޮސްގައި ކުރިއަށް ދިޔަ އިރު ސަރުކާރުން ދިވެހިންގެ މަސްލަހަތު ހިމާޔަތް ކުރުމަށް މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ. 

މޮރިޝަސްއަށް ރައީސް ފޮނުއްވި ސިޓީފުޅަކީ ރައްޔިތުންގެ ހިޔާލާއި ރައްޔިތުންގެ މަޖިލީހުގެ ލަފާ ހޯދުމެއް ނެތި ފޮނުއްވި ސިޓީފުޅެއްކަން ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ. އަދި މި ސިޓީފުޅުގެ ސަބަބުން ރާއްޖެއަށް އިޔާދަނުކުރެނިވި ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެސް ބުނެފައިވެ އެވެ. 

އާދަމް ޝަރީފްގެ މި ކުއްލި މައްސަލަ ބަލައިގަންނަން ފެނޭތޯ ނެގި ވޯޓުގައި ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 18 މެންބަރުންނެވެ. ކުއްލި މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް 33 މެންބަރުން ވޯޓު ދެއްވި އެވެ. ފާސްވާން ބޭނުންވާ ވަރަށް ވޯޓު ނުލިބުމުގެ ސަބަބުން މި މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލާފަ އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް