ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު މިއަދު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ވަކި ބޭފުޅެއްގެ ސަބަބުން ނުވަތަ ޕާޓީގެ އެތެރޭގެ އިންތިހާބުތަކެއް ނުވަތަ ޕާޓީގެ އެތެރޭގައި ހިނގަމުންދާ މެކޭނިޒަމްތަކެއް ގަބޫލު ނުކުރެވިގެން ބައެއް ބޭފުޅުން ފެޔަށް ވަޑައިގެން ނަމަވެސް ރައީސް ސޯލިހު ހުންނެވީ ވަރަށް ވަރުގަދަކޮށް ކަމަށެވެ.
މިއުވާން ވިދާޅުވީ ރައީސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތައް ފުރިހަމަ ކުރެއްވުމަށާއި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކުރިމަތި ލައްވަން އިއުލާން ކުރައްވާފައި ވުމުން ކެމްޕޭނުގެ މަސައްކަތުގައި ކަމަށެވެ.
ރައީސްގެ ކެމްޕޭން ވަރަށް ވަރުގަދައަށް ކުރިއަށްދާކަން ފާހަގަކުރައްވަމުން މިއުވާން ވިދާޅުވީ ރައީސްއަށް ތާއީދު އޮތްތަން ވަރަށް ބޮޑަށް ފެންނަ ކަމަށެވެ.
ރައީސް ސޯލިހު އެމްޑީޕީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާއިރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ މެންބަރުންތަކެއް ވަނީ އެމްޑީޕީން ވަކިވެ ވަޑައިގެންފަ އެވެ. އަދި އެހެން ޕާޓީއެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމުގެ ވާހަކަތަކެއްވެސް ވަނީ ފެތުރިފަ އެވެ. މީގެ އިތުރުން ރައީސް ނަޝީދު ވަނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމުގެ އިޝާރާތެއްވެސް ދެއްވާފަ އެވެ.