ads
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް. -- ފޮޓޯ: ސޯޝަލް މީޑިއާ
ދެ ރަށާއި ފަޅެއް ލިބުނުކަމަށް ބުނާ ވާހަކަ ރޮޒައިނާ ދޮގުކޮށްފި
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާގެ ދެމަފިރިންނަށް ސަރުކާރުން ބަދަލުގެ ގޮތުގައި ދެ ރަށަކާއި ފަޅެއްގެ އިތުރުން 30 މިލިއަން ރުފިޔާ ދޭން ނިންމާފައިވާކަމަށް ދެކެވޭ ވާހަކަތައް ރޮޒައިނާ ދޮގު ކުރައްވައިފި އެވެ.
Advertisement

ބައެއް ނޫސްތަކުން އަންނަނީ ހއ. ހޯރަފުށި ކައިރީގައި އޮތް ރަށެއްގައި ރިސޯޓު ހެދުމަށް ރޮޒައިނާގެ ފިރިކަލުން އަދި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް ހިއްސާވާ ކުންފުންޏަކުން ކުށްޔަށް ނަގާފައިވަނިކޮށް އެރަށް ސަރުކާރަށް ނަގަން ޖެހުމުން ބަދަލުގެ ގޮތުގައި ދެ ރަށާއި ފަޅެއްގެ އިތުރުން 30 މިލިއަން ރުފިޔާ ދޭން ރައީސް އޮފީހުގެ ބަދަލުދޭ ކޮމިޓީން ނިންމާފައިވާ ކަމަށް ރިޕޯޓް ކުރަމުންނެވެ. 

ނާޝިޒް ހިއްސާވާ ކުންފުންޏެއް ކަމަށްވާ ޕާލްސް ސޭންޑް އޮފް މޯލްޑިވްސް އިން އެ ރަށް ރިސޯޓެއް ހެދުމަށް 50 އަހަރުގެ މުއްދަތަކަށް ނަގާފައިވަނީ 2021 ވަނަ އަހަރު އެވެ. 

ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. 

"ކަނޑައެޅިގެން ބޮޑު ދޮގެއް. ނޫސް ހިންގަނީ އޭ ކިޔާފަ ހަމަ ބޮޑެތި ދޮގު ފަތުރާ، މީހުންގެ އަބުރު ކަތިލަމުން މިގެންދަނީ،" - ރޮޒައިނާ

ރޮޒައިނާ ވިދާޅުވީ އެއިން އެއްވެސް އެއްޗެއް ނުލިބޭ ކަމަށާއި އަދި ސަރުކާރުން އެއިން އެއްވެސް އެއްޗެއް ދޭންވެސް ނޫޅޭ ކަމަށެވެ. ނަމަވެސް މަހުޝަރު ދުވަހުން ހަބަރު ލިޔާ މީހެއްގެ ސަވާބުން އެތިކޮޅެއް ލިބޭނެ ކަމަށްވެސް ރޮޒައިނާ ވަނީ ވިދާޅުވެފަ އެވެ. 

"އެކަމަކު މަހުޝަރު ދުވަހުން މީނަގެ ސަވާބުން އެތިކޮޅެއް ގައިމުވެސް އަޅުގަނޑަށް ލިބޭނެ" - ރޮޒައިނާ

ހަބަރުތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ނާޝިޒްގެ ކުންފުނިން ބަދަލުގެ ގޮތުގައި 386 މިލިއަން ހޯދުމަށް ބަދަލުދޭ ކޮމިޓީގައި އެދިފައިވާ ކަމަށެވެ. ނަމަވެސް އެ ކޮމިޓީން ނިންމީ 232 މިލިއަން ރުފިޔާ ދިނުމަށް ކަމަށްވެސްވެ އެވެ. ނަމަވެސް ސަރުކާރުގެ މާލީ ހާލަތު ހުރި ގޮތުން ސަރުކާރުން ނިންމީ ދެ ރަށަކާއި މާލެ އަތޮޅުން ފަޅެއްގެ އިތުރުން 30 މިލިއަން ރުފިޔާ ދިނުމަށް ކަމަށްވެސް ރިޕޯޓުކޮށްފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް