މިއަދު ކުޅުނު މެޗު އެއްވަރުވީ ހަތަރު ލަނޑު ހަތަރު ލަނޑުންނެވެ. މިއީ މިދިޔަ އަހަރުގެ ދެވަނަ މަގާމު ހޯދި އީގަލްސްއަށް ލީގުގައި މިހާތަނަށް ޕޮއިންޓް ގެއްލުނު ފުރަތަމަ މެޗެވެ. މި މެޗުގެ ކުރިން އީގަލްސް އިން ކުޅުނު ދެ މެޗުން ވެސް ވަނީ މޮޅުވެފަ އެވެ.
މިއަދު ހަވީރު ކުޅުނު މެޗުގައި އީގަލްސްއަށް ފުރަތަމަ ލަނޑު ޖެހީ އަހުމަދު ރިޒްވާންއެވެ. އެހެންނަމަވެސް މާ ގިނައިރެއް ނުވެ ޓީސީން ލަނޑެއް ޖަހައި އެއްވަރު ކުރިއެވެ. އެއީ ސާދު ނިޒާރު ޖެހި ލަނޑުންނެވެ. އޭގެ އިރުކޮޅެއް ފަހުން ޓީސީގެ ހައިޝަމް ރަޝީދު (ހައި) ލަނޑެއް ޖަހައި ޓީސީއަށް ކުރި ހޯދައިދިނެވެ. އެކަމަކު އީގަލްސްގެ ބިދޭސީ ކުޅުންތެރިޔާ ބްރެޒިލް ފޯވާޑް އިވާން ކާލޯސް ލަނޑެއް ޖަހައި އަނެއްކާވެސް ނަތީޖާ ހަމަހަމަ ކުރިއެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާއިންނެވެ.
ދެ ވަނަ ހާފް ފަށައިގެން އީގަލްސްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ލަނޑަކުން އަނެއްކާވެސް ޓީސީއަށް ކުރި ލިބުނެވެ. އަދި އިރުކޮޅެއް ފަހުން ޓީސީގެ އައިހަމް ހަމްދޫން (އައިހަމްސްކީ) ވަނީ މޮޅު ލަނޑެއް ޖަހާފައެވެ. އީގަލްސްގެ ފަހު ދެ ލަނޑު ޖަހައި މެޗު އެއްވަރުކޮށްދިނީ ރިޒޭ އަދި ފޭދޫ އިއްބެއެވެ.