
"މި އޮޑިއެއް ނުފެތޭނެ، މިއީ ހުރިހާ ކަނޑަކަށްވެސް ހެޔޮވަރު އޮޑިއެއް" މިއީ ރައީސް ނަޝީދު ގެންގުޅުއްވި އެމްޑީޕީގެ ތަސައްވުރެވެ. ސިޔާސީ ގޮތުން ކިތައްމެ ހިޔާލު ތަފާތުވުމެއް އުފެދުނު ނަމަވެސް، ނުވަތަ އެމްޑީޕީ ހަލާކުކޮށްލަން ބޭރުން ކިތައްމެ ހަމަލާއެއް ދިން ނަމަވެސް، އާހިރުގައި އެ ހުރިހާ ކަމަކުން ސަލާމަތްވެ އެމްޑީޕީގެ އޮޑި އަމާން އައްސޭރިއަކަށް ބަނދަރު ކުރާނެކަމުގެ އުއްމީދުގެ ވާހަކަ އެވެ.
އެމްޑީޕީގެ ތެރެރޭގެ މައްސަލަތައް ތިލަވަމުން ފާޅުވަމުން ގޮސް އެންމެ ފަހުން މިވަނީ ގޯނިން ބޭރުވެފައެވެ. ރިޔާސީ ޕްރައިމަރީއަށް ފަހު ޕާޓީގެ އެތެރޭގެ ވާދަވެރިކަން ބޮޑުވެ އެއް ބަޔަކު އަނެއް ބަޔަކަށް ދުލަށް ތިލަވީހާ އެއްޗެއް ގޮވަމުން ގޮސް ޕާޓީގެ އިސް ބޭފުޅުންތަކެއް ޕާޓީން ދޫކުރައްވާ ވަޑައިގެންނެވީއެވެ.
މިއީ އެމްޑީޕީއަށް އެތައް ގުރުބާނީއެއް ވީ އެއް މޭފުޅަކު އެޕާޓީ ދޫކުރައްވަ ވަޑައިގެންނެވުމަށް ދެއްކެވި އުޒުރެވެ. ނުވަތަ އެކަން އޮތް ގޮތެވެ.
ކޮންމެ ގޮތެއް ވިޔަސް އެމްޑީޕީގެ ތެރެއިން ޕާޓީއެއް އަނެއްކާވެސް އުފަންވަނީއެވެ. މީގެކުރިންވެސް އެމްޑީޕީގެ ތެރެއިން ނިކުމެ އެތައް ޕާޓީއެއް ހެދިއެވެ. ނަމަވެސް ވަކިހިސާބަކުން ޕާޓީގޮސް ވަންނަނީ ހޮރަށެވެ. ޕާޓީވެސް އުވެނީއެވެ.
އެއިން ކޮންމެ ފަހަރަކުވެސް އެހެން ޕާޓީއެއް އުފެދިގެން އަންނަނީ ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށެވެ. ނަމަވެސް މިފަހަރު މަންޒަރު ތަފާތެވެ. މިފަހަރު ދެކޮޅަށް ނުވަތަ އެމްޑީޕީން ތެރޭން ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރައްވަނީ ރައީސް ނަޝީދެވެ.
މީގެ ކުރިން އެމްޑީޕީ ތެރެއިން ނިކުމެ ޕާޓީތައް ހެއްދެވި ބޭފުޅުންނާ ރައީސް ނަޝީދާ ތަފާތު ތަކެއް އެބަހުއްޓެވެ. އެއީ އެޓީމުން ދައްކާ ވާހަކައެވެ. އެޓީމުން ދައްކަނީ ޒަމާނުއްސުރެ އެމްޑީޕީން ދައްކަމުން ގެންދާ ވާހަކަ އެވެ. އެއަޑުއަހާ އެކަން ގަބޫލުކުރާ އެމްޑީޕީގެ ގްރާސް ރޫޓްގެ މެމްބަރުން ތިބޭނެއެވެ.
މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މި ވިދާޅުވަނީ އެވާހަކައެވެ. އެމްޑީޕީ ދޫކޮށް ވަޑައިގެންނެވި ސަބަބަކަށް މިދައްކަނީ ޒަމާނުއްސުރެ އެމްޑީޕީގެ ގްރާސްރޫޓް މެމްބަރުންގެ ތާއީދު ހޯދުމަށް އެމްޑީޕީން ދެއްކި ވާހަކަ އެވެ. "ފިކުރެއްގެ ދިރުން" ނިކުމެތިބީ ރައީސް ނަޝީދުގެ ތާއީދާ އެކުގައެވެ. އެމްޑީޕީގެ އޮޑި ނޫން އޮޑިއެއްގައި ދަތުރައް ތައްޔާރުވާއިރު ރައީސް ނަޝީދު އަދިވެސް ހުންނެވީ އެމްޑީޕީގައެވެ.
އަނެއްކޮޅުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ސިފަކުރައްވަނީ އެމްޑީޕީ ދޫކޮށް ފިކުރެއްގެ ދިރުމުގެ ބޭފުޅުން ވަޑައިގެންނެވުމަކީ އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތްކަމެވެ. އެމްޑީޕީން ކުރިއަށްދާ ފަސޭހަވި ކަމެއްގެ ގޮތުގައެވެ. ފައްޔާޒު ވިދާޅުވީ އެއީ ރިހޭ ދަތެއް ވެއްޓުން ފަދަ ކަމެއް ކަމަށެވެ.
ފައްޔާޒު ވިދާޅުވީ ރައީސް ނަޝީދު ފިކުރެއްގެ ދިރުން ފެކްޝަނުގެ ފޯމް ފުރަން ފެށި ހިސާބުން އެހެން ޕާޓީއެއް ހަދަން އުޅޭކަން އެނގިވަޑައިގެންނެވި ކަމަށެވެ. އަދި ރައީސް ނަޝީދުގެ އާ ޕާޓީއަކީ ސަޕްރައިޒެއްވެސް ނޫންކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ނަމަބެސް އޭރުވެސް ފިޔަވަޅެއް ނާޅަ ތިބީ މަސްލަހަތައް ޓަކައިކަމަށާއި އަދިވެސް ރައީސް ނަޝީދަށް ފިޔަވަޅެއް އެޅުމަށް ބޭނުން ނުވަނީވެސް މަސްލަހަތަށް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ ސަރުކާރުގެ ވަޒީރުން މަގާމުން ދުރުކޮށް ސަރުކާރު ވައްޓާލުމަށް މަސައްކަތް ފެށުމުން އެއީ ރަތް ރޮނގު ހުރަސްކުރީ ކަމަށެވެ. އެހިސާބުންފިޔަވަޅު އަޅަން މަޖުބޫރުވީ ކަމަށެވެ.
ފައްޔާޒު ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލައަކީ ވެރިކަން ބޭނުންވުން ކަމަށެވެ. ޕާޓީގެ އާއްމު މެމްބަރުން ވަކިގޮތަކަށް ނިންމުމުންވެސް އެމްޑީޕީގެ ޓިކެޓް ރައީސް ނަޝީދު ބޭނުން ވުންކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ކުރެވެން ނެތީކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ ޓިކެޓް ދޫކޮށްލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ދެންނެވުމަކީ ދަތިކަމެއް ކަމަށެވެ. އެކަންވެސް އެހެން ކުރެވެން ނެތްކަމަށާއި އާއްމު މެމްބަރުން ނިންމާފައިވާ ގޮތާއި ހިލާފަށް ރައީސް ނަޝީދަށް ޓިކެޓް ދެވެންވެސް ނެތްކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އެމްޑީޕީގެ އެތެރޭގައި އުފެދުނު މައްސަލަތައް ހެއްލު ކުރުމަށް ކުރެއްވި މަސައްކަތް ފެއިލްވީ ވެސް އެހެންވެކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަނެއްކޮޅުން ރައީސް ނަޝީދު ނިކުންނަވާ ޕާޓީއެއް އުފައްދަވާ، އިންތިހާބުގައި ވާދަ ކުރެއްވި ނަމަވެސް އެއީ ޗެލެންޖެއް ނޫންކަމަށް ފައްޔާޒު ވިދާޅުވިއެވެ.
މިހިސާބުން އުފެދޭ ސުވާލަކީ ރައީސް ނަޝީދު އަލަށް އުފައްދާ ޕާޓީ އެމްޑީޕީގެ ގްރާސްރޫޓްގެ މެމްބަރުން ބަލައި ގަންނާނީ ކިހާ ވަރަކައްތޯއެވެ. ރައީސް ނަޝީދަށް އެމްޑީޕީގެ ތެރޭގައި މީގެ ކުރިން އޮތް ތާއީދު ނުވަތަ އެންމެ ފަހުން ބޭއްވި ރިޔާސީ ޕްރައިމަރީގައި ލިބުނު އަދަދު ރައީސް ނަޝީދާއެކު އެމްޑީޕީ ދޫކޮށް ދާނެބާއެވެ. ރައީސް ނަޝީދު ހުންނެވީ ކޮންމެ ގޮތަކުންވެސް މިހާރު އެމްޑީޕީގެ އޮޑި ފައްތާލަން ތައްޔާރަށް ތޯއެވެ.
ނޫންމަ ރައީސް ނަޝީދަށްވެސް ޖެހިވަޑައިގަންނަވާނީ މީގެކުރިން އެމްޑީޕީން ނުކުމެ ޕާޓީތައް ހަދައި ސިޔާސީ ހަރަކާތްތައް ހިންގަވަން އުޅުއްވި ބޭފުޅުންނަށް ޖެހިވަޑައިގެންނެވި ހާލުބާއެވެ. އެކަން ނުވެ މިކަން ނުވެ ގަތްވަޅަށް މަރުވާން އަންނާނީ ބާއެވެ.