ރޯމާ ފައިނަލަށް ދިޔައީ ދެވަނަ ލެގުގައި އެއްވަރުވެ، ފުރަތަމަ ލެގުން މޮޅުވެގެން އެއް ލަނޑުގެ އެގްރިގޭޓަކުންނެވެ. ދެވަނަ ލެގުގައި ރޭ ކުޅުނު ސެމީ ފައިނަލް ނިމުނީ ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރު ވެގެންނެވެ.
ރޯމާއާއެކު ޔޫރޮޕާ ލީގުގެ ފައިނަލަށް މޮރީނިއޯ ދިޔައިރު، ވަނީ މީގެ ކުރިން އޭނާ ކޯޗުކޮށްދިން ޓީމުތައް ގޮވައިގެން ޔޫރަޕްގެ ފަސް ފައިނަލުގައި ވާދަކޮށް ކާމިޔާބީ ހޯދައިފަ އެވެ. ޕޯޓޯއާ އެކު ޔޫއެފާ ކަޕާއި ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދި އެވެ. އިންޓައާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުގައި ޔޫރޮޕާ ލީގު ކާމިޔާބުކުރި އެވެ. ރޯމާއާ އެކު މޮރީނިއޯ ވަނީ މިދިޔަ ސީޒަނުގެ ޔޫއެފާ ކޮންފަރެންސް ލީގު ކާމިޔާބުކޮށްފަ އެވެ.
ފައިނަލުގައި ރޯމާއާ ކުޅޭނީ ސެވިއްޔާއެވެ. ސެވިއްޔާއިން ޔުވެންޓަސް ދަނޑުގައި ފުރަތަމަ ލެގް 1-1 އިން އެއްވަރުވިއިރު ދެ ވަނަ ލެގްގެ މެޗު ސެވިއްޔާ އިން ރޭ ކާމިޔާބުކުރީ 1-2 އިންނެވެ.
ސެވިއްޔާ ވަނީ ޔޫރޮޕާ ލީގުގެ ފައިނަލުގައި ހަތް ފަހަރު ވާދަކޮށް ހަ ފަހަރު ޗެމްޕިއަންކަން ހޯދައިފަ އެވެ. ޔޫރޮޕާ ލީގުގެ ފައިނަލް އޮންނާނީ ޖޫން ފުރަތަމަ ދުވަހު ހަންގޭރީގެ ބުޑަޕެސްޓުގައި އޮންނަ ޕުސްކަސް އެރީނާގަ އެވެ.