ads
ސުޖަން
ލަންކާގެ ކެޕްޓަންކަން ދޫކޮށްލަން ސުޖަން ނިންމައިފި
ސްރީ ލަންކާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަމުގެ މަގާމު ދޫކޮށްލަން، އެ ގައުމުގެ ކެޕްޓަން އަދި ރާއްޖޭގައި ކުޅެމުން އަންނަ ސުޖަން ޕެރޭރާ ނިންމައިފިއެވެ.

ސްރީ ލަންކާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަމުގެ މަގާމު ދޫކޮށްލަން، ނިންމައި ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނަށް ސުޖަން ފޮނުވި ސިޓީގައި ބުނެފައިވަނީ ފީފާގެ ސަސްޕެންޝަން އުވާލުމާއެކު ގައުމީ ޓީމުގެ ކެޕްޓަންކަމުގެ މަގާމު ދޫކޮށްލާނެ ކަމަށެވެ. އަދި އެ މުއްދަތާ ހަމައަށް ކެޕްޓަންކަމުގެ މަގާމުގައި ހުންނާނީ ލަންކާގެ ކުޅުންތެރިންގެ ހައްގުގައި ކަމަށް ސުޖަން ބުނެފައިވެއެވެ. 

ސަސްޕެންޝަންގެ ސަބަބުން ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕުގައިވެސް ސުޖަންއަކަށް ނުކުޅެވޭނެއެވެ. ލަންކާގެ ފެޑެރޭޝަންގެ ކަންތައްތަކާހުރެ އެ ގައުމު ފީފާއިންވަނީ މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑްކޮށްފައެވެ. އަދި ސަސްޕެންޑް ކުރިއިރުއްސުރެ ސުޖަން އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

ސުޖަން މިހާރު ކުޅެނީ ރާއްޖޭގެ ޓީސީ ސްޕޯޓްސްއަށެވެ. ސުޖަންއަކީ އަހްލާގު ރަނގަޅު މޮޅު ކުޅުންތެރިއެކެވެ. ދިވެހި ފުޓްބޯޅަ އާއިލާގައިވެސް ސުޖަންއަކީ ގިނަ ބަޔަކު ސަޕޯޓްކުރާ އަދި އިހުތިރާމް ކުރާ ކުޅުންތެރިއެކެވެ.  

ސުޖަން، ޒުވާން އުމުރުގައި ކެރިއަރުގެ އެންމެ މުހިންމު އަހަރުތަކުގައި ކުޅުނީ ރާއްޖޭގެ ކްލަބު އީގަލްސްއަށެވެ. އީގަލްސްގައި ހޭދަކުރިއިރު، ރާއްޖޭގެ ލީގުގެ މޮޅު ކީޕަރުގެ މަގާމު 2016 ވަނަ އަހަރު ހޯދިއިރު، އެ ފަހަރު ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން، އީގަލްސް އިން ހޯދިއިރު، މޮޅު ކުޅުމެއް ސުޖަން ދެއްކި އެވެ. 

އީގަލްސް ދޫކޮށް، 2020 ވަނަ އަހަރު ސުޖަން އެނބުރި ގައުމަށް، ސްރީ ލަންކާ ޓީމަކާ ގުޅެން ނިންމީ ކޮވިޑުގެ ހާލަތުގެ ދުވަސްވަރު އާއިލާ އަށް ވަގުތު ދިނުމުގެ ގޮތުންނެވެ. 

2021 ވަނަ އަހަރު ލަންކާގައި އޮތް ފޯ ނޭޝަންސް ކަޕުގައި ސުޖަންވަނީ އާދަޔާ ހިލާފު މޮޅު ކުޅުމެއް ކުޅެ އެ ގައުމު ފައިނަލާ ހިސާބަށް ގެންގޮސްދީފައެވެ. މާލޭގައި 2021 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕުގައި އަދި 2018 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް ސާފުގައިވެސް ސުޖަން މޮޅު ކުޅުމެއް ކުޅުނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް