
ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު ބޭއްވި މި އަހަރުގެ މުބާރާތް އާބަންކޯއިން ކާމިޔާބު ކުރީ ފައިނަލުގައި ވެމްކޯ ބަލިކޮށްގެނެވެ. ވެމްކޯގެ މައްޗަށް އާބަންކޯއިން ފައިނަލް މެޗުގައި ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ. އެއީ 25-21، 25-21 އަދި 25-16 އިންނެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން، އިޝާން މުހައްމަދު (ބަޓިސް) އެވެ. އޭނާކުޅުނީ އާބަންކޯއަށެވެ.
އޭނާ ވަނީ މުބާރާތުގެ ޑްރީމް ޓީމުން ވެސް ޖާގަ ހޯދައިފަ އެވެ. ޑްރީމް ޓީމުގައި ދެން ހިމެނެނީ އާބަންކޯގެ އާދަމް ފައިރޫޒާއި ވެމްކޯގެ އަލީ ހުޒާމް (ހުޒާންޓޭ) އާއި ހުސެއިން ޔޫސުފްގެ އިތުރުން ސިފައިންގެ ޓީމުގެ އާދަމް ނަސީމް (އެޑަމް) އަދި ހުސެއިން ރައްޒާނެވެ.
މުބާރާތުގެ އެންމެ މޮޅު ލިބަރޯ އަކަށް ހޮވުނީ އާބަންކޯގެ އަހުމަދު މުޒުލިފްއެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކީ އެ ޓީމަށް ކުޅުނު ސްރީ ލަންކާގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ ލަސިންދޫ މެތުމަލް ވަސަންތަޕްރިޔާ ގޮނާރާ ގާމަގޭ އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ އާބަންކޯގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ. އެންމެ މޮޅު ކުޅުންތެރިއަކީ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ.