ރައީސްގެ ދެކަނބަލުން އާޓް ގެލެރީގެ ޕާމަނަންޓް ކަލެކްޝަން ހުޅުވައިދެއްވާފައި މިވަނީ މިއަދު ހަވީރު އާޓް ގެލެރީގައި މިކަމަށްޓަކައި ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ.
އާޓް ގެލެރީގައި ޕާމަނަންޓް ކަލެކްޝަންއެއް ގާއިމް ކުރުމަކީ 2005 ވަނަ އަހަރު އާޓް ގެލެރީ ހުޅުވީއްސުރެ އޮތް ސިޔާސަތެކެވެ. ނަމަވެސް މިއަދާ ހަމައަށް އެއްވެސް ސަރުކާރަކަށް ޕާމަނަންޓް ކަލެކްޝަންއެއް ގާއިމްކޮށް އާންމުންނަށް ފެންނާނެ ގޮތަށް މައުރަޒު ކުރެވިފައެއް ނުވެ އެވެ.
މިއަދު ރައީސްގެ ދެކަނބަލުން ހުޅުވައިދެއްވި ޕާމަނަންޓް ކަލެކަޝަންގައި ޖުމުލަ 44 ކުރެހުން ހިމެނެ އެވެ. އޭގެ ތެރޭގައި ދިވެހި ކުރެހުންތެރިންގެ މަސައްކަތްތަކާއި ބޭރުގެ ބައެއް ފަރާތްތަކުން ހަދިޔާ ކުރައްވާފައިވާ ކުރެހުންތައްވެސް ހިމެނެ އެވެ.
ދިވެހި ކުރެހުންތެރިންގެ ހުނަރު ފެނިގެންދާ 24 ކުރެހުމެއް ޕާމަނަންޓް ކަލެކްޝަންގައި މައުރަޒު ކުރެވިފައިވެ އެވެ. މީގެ އިތުރުން ގައުމީ ދާރުލްއާސާރުގައި ހިމެނޭ ދެ ކުރެހުމަކާއި ބޭރު ގައުމުތަކުންނާއި ރާއްޖެއަށް އެކި ދުވަސްވަރު މަތިން ހިދުމަތް ކުރެއްވި އެކި ގައުމުތަކުގެ ސަފީރުން ހަދިޔާ ކުރެއްވި ކުރެހުންތައްވެސް މި ކަލެކްޝަންގައި މައުރަޒު ކުރެވިފައިވެ އެވެ.
ޕާމަނަންޓް ކަލެކްޝަން ހުޅުވުމަށް ބޭއްވި ހަފްލާގައި ދިވެހި ކުރެހުންތެރިންގެ ހުނަރު ދައްކާލުމަށް ކުރެހުމުގެ ހަރަކާތްތަކެއް އެތަނުގައި ކުރިއަށް ގެންދިޔަ އެވެ. ރައީސް ސޯލިހުގެ ދެކަނބަލުން ވަނީ ޕާމަނަންޓް ކަލެކްޝަންގެ އިތުރުން މި ހަރަކާތްތައްވެސް ބައްލަވާލައްވާފަ އެވެ.
ރައީސް ސޯލިހުގެ ސަރުކާރުން އަންނަނީ އެކި ފަންނުތަކުގެ ފަންނުވެރިންގެ ހުނަރުތައް ކުރިއެރުވުމަށް ވަރަށް ގިނަ ފުރުސަތުތައް ފަހި ކޮށްދެމުންނެވެ. އެގޮތުން މިމަހުގެ އަށްވަނަ ދުވަހު ފަރުމާގެ ނަމުގައި ބައިނަލްއަގުވާމީ އާޓް ފެސްޓިވަލެއް ވަނީ ބާއްވާފަ އެވެ. މިއީ ރާއްޖޭގައި ބައިނަލްއަގުވާމީ އާޓް ފެސްޓިވަލެއް ބޭއްވި ފުރަތަމަ ފަހަރެވެ.