މިނިސްޓަރު ޝާހިދު މަގާމުން ވަކި ކުރުމަށް މަޖިލީހަށް ހުށަހެޅީ ރާއްޖެއާއި މޮރިޝަސްއާއި ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގައި ދިވެހިންގެ މަސްލަހަތު ހިމާޔަތް ކޮށްފައި ނުވާކަމަށާއި ހާރިޖީ ވަޒީރުގެ މަސްއޫލިއްޔަތު އެންމެ ފުރިހަމައަށް އަދާކުރައްވާފައި ނެތް ކަމަށް ތުހުމަތުކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 13 މެންބަރުންގެ ސޮޔާއި އެކު މިމަހުގެ 18 ވަނަ ދުވަހު މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.
މިމައްސަލައިގައި ޖަވާބުދާރީވެ ވަޑައިގަތުމަށް މިނިސްތަރު ޝާހިދަށް 14 ދުވަހުގެ ނޮޓިސްއެއް މިމަހުގެ 21 ވަނަ ދުވަހު މަޖިލީހުން ފޮނުވާފައިވާކަމަށްވެސް އީވާ ވިދާޅުވި އެވެ.
ސަރުކާރުގެ އިސް ބޭފުޅުންތަކެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަތައް އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ވައްދަމުންދާއިރު މި މައްސަލަތައް ފާސްކުރުމަށް 43 މެންބަރުންގެ ތާއީދު ބޭނުންވެ އެވެ. ސަރުކާރާ އިދިކޮޅަށް މިވަގުތު މަޖިލީހުގައި ތިއްބެވީ 29 މެންބަރުންނެވެ.
މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާއިރު ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެއްވެސް ވަނީ މިމަހުގެ ތެރޭގައި މަޖިލީހަށް ހުށަހަޅާފަ އެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ހަމަ ކުރުމުގެ މަސައްކަތް ކުރަމުންދާކަމުގެ އަޑުތަކެއްވެސް އަންނަނީ އިވެމުންނެވެ.