އެމްޑީޕީން ވަކިވެފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ދުވަސްވަރު އެމްޑީޕީ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ ބޭފުޅުން ފެއްޓެވި "ފިކުރެއްގެ ދިރުން" ހަރަކާތުގައި އުޅުއްވާ މެންބަރުންނެވެ.
މި 12 މެންބަރުން އެމްޑީޕީން ވަކިވެވަޑައިގެންނެވީ މިދިޔަ ބުދަ ދުވަހު އެވެ. މި ބޭފުޅުން އެމްޑީޕީ ދޫކޮށްލެއްވީ "ފިކުރެއްގެ ދިރުން" ހަރަކާތުގައި އިސްކޮށް އުޅުއްވާ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެމްޑީޕީން ވަކި ކުރި ފަހުންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ 12 މެންބަރުން އެމްޑީޕީން ވަކިވިކަން މަޖިލީހަށް އަންގާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިންވެސް ވަނީ 12 މެންބަރުން އެމްޑީޕީގެ ދަފްތަރުން އުނިކުރިކަން މިމަހުގެ 18 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް އަންގާފަ އެވެ. ނަމަވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ 12 މެންބަރުން އަމިއްލަފުޅަށް އެމްޑީޕީން ވަކިވިކަން މަޖިލީހަށް އަންގަން ޖެހޭނެ ކަމަށެވެ.
އެމްޑީޕީން ވަކިވި މަޖިލިސް މެންބަރުން
- ހަސަން ލަތީފް
- އީވާ އަބްދުﷲ
- އިލްޔާސް ލަބީބް
- އިމްތިޔާޒް ފަހުމީ
- ޔާސިރު އަބްދުއްލަތީފް
- ހަސަން އަފީފް
- ހުސެއިން ފިރުޝާން
- ހަސަން ޝިޔާން
- އިބްރާހިމް ރަޝީދު (ބޮންޑޭ)
- މުހައްމަދު ރަޝީދު (ބޯދިގު)
- އަހްމަދު ޒާހިރު (ގައްދޫ)
- މުހައްމަދު ވަހީދު (ވައްޑޭ)
އީވާ ވަނީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންގެ އަދަދަށް އައި ބަދަލާއިއެކު މަޖިލީހުގެ ކޮމިޓީތަކަށް އަންނަ ބަދަލު ފާސް ކުރަން ފަހުން ފޮނުވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެމްޑީޕީން ވަކިވެ ވަޑައިގަތް 12 މެންބަރުން މިހާރު ގެންދަވަނީ "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އަންނަ ރިޔާސީ އިންތިހާބުގައި އާ ޕާޓީގެ ފަރާތުން ކެންޑިޑޭޓެއް ނެރޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ރައީސް ނަޝީދު ފިޔަވާ "ފިކުރެއްގެ ދިރުން" ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ ހުރިހާ މެންބަރުން އެމްޑީޕީން ވަކިވެ ވަޑައިގެންފައިވާއިރު ރައީސް ނަޝީދު އެމްޑީޕީން ނިކުމެ ވަޑައިގަންނަވާނެ ތާރީހެއް ހާމަކޮށްފަ އެއް ނުވެ އެވެ. އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ ރައީސް ނަޝީދު އެމްޑީޕީން ބޭރު ކުރުމަށް އެ ޕާޓީން މަސައްކަތް ނުކުރާނެ ކަމަށެވެ.