ހއ. އަތޮޅު ކައުންސިލުގެ ތިލައުތުރު އެވޯޑު ހަފުލާގައި ރޭ ވާހަކަފުޅު ދައްކަވަމުން، އަދުލު އިންސާފު ގާއިމް ކުރުމާއި ޖޭއެސްސީ އިސްލާހު ކުރުމުގެ ވާހަކަފުޅުގެ ތެރެއިން ރައީސް ނަޝީދު ވިދާޅުވީ ސްޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު ގާނޫނު އަސަސާސީގައި ކަނޑައެޅުން ވަރަށް މުހިއްމު ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލަކަށް ވަޑައި ނުގަންނަވައެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވިއިރު އާގާނޫނު އަސާސީގެ ދަށުން ސްޕްރީމް ކޯޓް އެކުލަވާލެވި ފަނޑިޔާރުން އައްޔަން ކުރެވިފައި ވަނިކޮށް، ސްޕްރީމް ކޯޓަށް ސިޔާސީ ގޮތުން ބާރު ފޯރުވުމަށް، ގާނޫނަށް ބަދަލު ގެނެސް ފަނޑިޔާއިންގެ އަދަދު އުނިކޮށް އިތުރުކޮށް ފަނޑިޔާރުން ވަކިކޮށް އިތުރު ފަނޑިޔާރުން އައްޔަން ކުރުންފަދަ ކަންކަން ކުރިން ވަނީ ހިނގާ ގޮސްފައެވެ.
ހއ ދިއްދޫގައި ބޭއްވި ޖަލްސާގެ ޝަރަފުވެރި މެހްމާނެއްގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އަދުލު އިންސާފު ގާއިމް ކުރުމަށް ޖޭއެސްސީއަށް ގެންނަން ވައުދުވި ބަދަލުވެސް ގެންނަން ޖެހޭ ކަމަށެވެ.
މީގެއިތުރުން ވެސް ރައީސް ނަޝީދު ވަނީ މުސްގަތްބަލުގެ ހަމަޖެހުމަށް ޓަކައި، މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލުކޮށް، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ފެޑެރަލް ނިޒާމަކަށް ބަދަލުކުރަން ޖެހޭކަމަށްވެސް ވިދާޅުވެފައެވެ.