އިމްރާން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރުންނާ ސުވާލު ކުރުމުގެ ފުރުސަތުގައި މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ފިރުޝާންވަނީ އަބްދުﷲގެ މަރުގެ މައްސަލައާއި ގުޅިގެން ކަންބޮޑުވުން ހުރި ސުވާލުތަކެއް މިނިސްޓަރާއި ކުރައްވާފަ އެވެ. އެގޮތުން އެ މަރުގެ ތަހުގީގު މިހާރު ގޮސްފައި އޮތީ ކިހާ ހިސާބަކަށްތޯ ފިރުޝާން ވަނީ ސުވާލު ކުރައްވާފަ އެވެ. އަދި ޕޯސްޓްމޯޓަމްއަށް ފަހު އާއިލާއަށް އެއްވެސް ފޯން ކޯލެއް ނާންނަ ކަމަށާއި އޭގެ ފަހުން ފުލުހުންގެ އެއްވެސް ހަބަރެއްވެސް ނެތް ކަމަށް ފިރުޝާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ ޕޯސްޓްމޯޓަމް ހެދީ އަބްދުﷲގެ މަރު ތަހުގީގު ކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެކަމުގައި ޔަގީން ކުރަން ބޭނުންވީ އަބްދުﷲ މަރުވީ ފުލުހުންގެ ސީދާ އަމަލެއް އޮވެގެންތޯ ނޫނީ ފުލުހުންގެ އިހުމާލެއް އޮވެގެންތޯ ކަމަށެވެ.
އިމްރާން ވިދާޅުވީ ތުހުމަތެއް ކުރެވުމުން ނުވަތަ ވާހަކައެއް ދެކެވުމުން އެކަމާއި މެދު އޭނާއަށް ކުރެވޭނެ ކަމެއް ނެތް ކަމަށެވެ. އެއީ އެންމެން ގަބޫލު ކުރަން ޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
ފުލުހުން އަބްދުﷲ ހައްޔަރު ކުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު އެވެ. އޭނާ މަރުވެފައިވަނީ ހަމަ އެދުވަހު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓަ އެވެ.
އަބްދުﷲގެ ހަށުގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާލީ މިދިޔަ އަހަރުގެ އޮޓޫބަރު 31 ވަނަ ދުވަހު އެވެ. އޭނާގެ ހަށިގަނޑު ވަޅުލާފައި ވަނީ ނޮވެމްބަރު ފަސް ވަނަ ދުވަހު އެވެ.
އަބްދުﷲގެ މަރަށް މިއަންނަ ބުރާސްފަތި ދުވަހު ހަތް މަސްވާއިރު އެނާ މަރުވީ ކިހިނެއް ކަމެއް އަދިވެސް ފުލުހުންނަށް ބުނެއެއް ނުދެވެ އެވެ. މަންޒަރު ދުށް ބައެއް ފަރާތްތަކުން އޭރު ތުހުމަތު ކުރި ގޮތުގައި އަބްދުﷲގެ މެޔަށް ތަދެއް އަރައިގެން ފަރުވާއަށް އެދުމުން ފުލުހުން ވަނީ ފަރުވާ ނުދީ ހިފަހައްޓާފަ އެވެ.