ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ކޮންޓްރެކްޓަރުގެ ޝެޑިއުލްއަށް ބަލާފައި ޑިލޭތަކެއް އެބަ ހުރި ކަމަށާއި މިހާތަނަށް އަންނަންވާ ހިސާބަށް އާދެވިފައި ނުވާ ކަމަށެވެ.
އަސްލަމް ވިދާޅުވީ ލަސްވި ދުވަސްތަކުގެ މަސައްކަތްތަކުގެ ތެރެއިން ކޮންމެވެސް މިންވަރެއް ކެޗަޕް ކުރެވޭނެ ކަމަށެވެ. ނަމަވެސް އެއްކޮށް ކެޗަޕް ނުކުރެވިދާނެ ކަމަށްވެސް ވިދާޅުވި އެވެ.
ބްރިޖްގެ މަސައްކަތްތައް ޝެޑިއުލްއަށް ވުރެ ލަސްވި ސަބަބުތައް އިނގޭ ކަމަށާއި ނަމަވެސް މިވަގުތު އެވާހަކަތައް ނުދައްކާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ މަސައްކަތް ނިންމަން އޮތް ތާރީހަކީ މިހާރުވެސް ކޮންޓްރެކްޓުގައި އޮތް ތާރީހު ކަމަށާއި އިތުރު ވަގުތު ދޭން އަދި ގަސްތު ނުކުރައްވާ ކަމަށެވެ.
ތިލަމާލެ ބްރިޖު ހަދަނީ ސިނަމާލެ ބްރިޖާއި ތަފާތުކޮށްކަން އަސްލަމް ވަނީ ފާހަގަ ކުރައްވާފަ އެވެ. އެގޮތުން ސިނަމާލެ ބްރިޖު ހަދާފައިވަނީ ވަގުތީ ޕްލެޓްފޯމެއް އެޅުމަށްފަހު ކަން ފާހަގަ ކުރައްވަމުން އަސްލަމް ވިދާޅުވީ ތިލަމާލެ ބްރިޖު މަޝްރޫގައި މިހާރު ޖަހަމުން އެދަނީ އަސްލު ތަނބުތައް ކަމަށެވެ.
އަސްލަމް ވިދާޅުވީ މަސައްކަތް ކުރިއަށް ނުދާކަމަކަށް ނުދެންނެވޭނެ ކަމަށާއި އެހެން ނަމަވެސް ކުޑަ ކުޑަ ލަސްތަކެއް ދިމާވެފައިވާ ކަމަށެވެ.