ads
ބޭންކް އޮފް މޯލްޑިވްސް އިން ޓެނިސް އެސޯސިއޭޝަން އާއެކު ވެފައިވާ އެއްބަސްވުން އާކުރުން - ފޮޓޯ:ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް އާއި ޓެނިސް އެސޯސިއޭޝަންގެ ޕާޓްނަޝިޕް އާކޮށްފި
ރާއްޖޭގައި ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް އެހީވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓޭމް) އާއެކު ވެފައިވާ އެއްބަސްވުން އާކޮށްފިއެވެ.
Advertisement

ބީއެމްއެލުން ބުނީ މިއަދު ބޭއްވުނު ހަފްލާއެއްގައި މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ އަދި ޓެނިސް އެސޯސިއޭޝަންގެ ރައީސް އަހުމަދު ހަފީޒު ކަމަށެވެ. 

‌މި އެއްބަސްވުމުގެ ދަށުން ޒުވާން ކުޅުންތެރިންގެ ހުނަރު އިތުރުކޮށް މި ކުޅިވަރުގައި ކުރިއަށް ދިޔުމަށް ބޭނުންވާ ތަޖުރިބާ ހޯދައިދިނުމުގެ މަގުސަދުގައި ކުރިއަށް އޮތް ތިން އަހަރު ގައުމީ ޓެނިސް ޗެމްޕިއަންޝިޕް ބޭއްވުމަށް ބީއެމްއެލުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.

"ގައުމީ ޓެނިސް ޗެމްޕިއަންޝިޕްއަކީ ރާއްޖޭގައި މިހާތަނަށް ބާއްވަމުން އަންނަ އެންމެ ގިނަ ދުވަސްވީ ޓެނިސް މުބާރާތް. އަޅުގަނޑުމެން ޓެނިސް އެސޯސިއޭޝަނާ އެކު ވެފައިވާ އެއްބަސްވު‌މުގެ މުއްދަތު އިތުރުކޮށް،‌ ޒުވާން އެތްލީޓުންގެ ހުނަރު އިތުރަށް ފުޅާކުރުމަށް އެހީތެރިވެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވިއެވެ.  

ބީއެމްއެލުން ބުނި ގޮތުގައި އެ ބޭންކުން ދަނީ ރާއްޖޭގެ ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމަށް އެކި ގޮތްގޮތުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން ކަމުގައެވެ. އެގޮތުން ބީއެމްއެލްއަކީ ގައުމީ ފުޓްބޯޅަ ޓީމްތަކުގެ އޮފިޝަލް ސްޕޮންސަރު ކަމަށާއި އަދި ގައުމީ ސާފިން ޓީމްތަކުގެ އޮފިޝަލް ސްޕޮންސަރުގެ އިތުރުން ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ގައުމީ ޕާޓްނަރަކީވެސް ބީއެމްއެލް ކަމަށް އެ ބޭންކުން ބުނެއެވެ.  

ބީއެމްއެލުން ބުނެފައިވަނީ ސްޕޯޓްސް ސްކޮލަޝިޕް ފަންޑުގެ ދަށުން އެ ބޭންކުން މިހާރު ދަނީ ރާއްޖޭން ބޭރުގެ ހައި ޕާފޯމަންސް ޓްރެއިނިން ސެންޓަރުތަކުގައި އެތްލެޓިކްސް، ބެޑްބިންޓަން، ޓޭބަލް ޓެނިސް އަދި ޓެނިސްގެ ތަމްރީން ހޯދުމަށް ރާއްޖޭގެ ހަތް އެތްލީޓުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް