ads
އެމްއާރުއެމްގެ ބައްދަލުވުމެއްގެ ތެރެއިން
އެމްއާރުއެމް އުވާލާކަމެއް ނާންގާ! އެކަމާ ހިތާމަ ކުރަން: އެމްއާރުއެމް
ރައިސް މައުމޫނު އަބްދުލްގައްޔޫމް އިސްކޮށް ހުންނަވާ އުފައްދާފައިވާ، މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރުއެމް އުވާލަން ނިންމިކަން އިލެކްޝަންސް ކޮމިޝަނުން އެޕާޓީއަށް އަންގާފައި ނުވާކަމަށް އެމްއާރުއެމްއިން ބުނެފިއެވެ.

ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވެގެން ދެ ވަނަ ނޯޓިސްއެއް ދިނުމަށް ފަހު  އެމްއާރުއެމް އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ ނިންމާފައެވެ.

އެމްއާރުއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ސީއެންއެމްއަށް ވިދާޅުވީ އެމްއާރުއެމް އުވާލަން ނިންމިކަން އެޕާޓީއަށް ނާންގާ ސީދާ ފުރަތަމަވެސް މީޑިއާއަށް ދެއްވުމުން ހިތާމަ ކުރައްވާ ކަމަށެވެ.

އަޅުގަނޑުމެންވެސް ބަލައިފިން އިލެކްޝަނުން މިހާރު. އުވާލަން ނިންމާފައި އޮތްކަމަށް ވަނީ. އެހެންނަނަމވެސް އަޅުގަނޑުމެންނަށް ނާންގާ މީޑިއާއަށް މައުލޫމާތު ދެއްވުމަކީ ވަރަށް ދެރަކަމެއް. އެމްއާރުއެމްގެ އެސްޖީ އަލީމް

އަލީމް ވިދާޅުވީ އީސީން ހުށަހަޅަން އެންގި އަދަދަށްވުރެ 100ވަރަކަށް ފޯމު އިތުރަށް ހުށަހަޅާފައިވާނެ ކަމަށާއި އަދި އެފޯމްތައް ހުށހަޅާފައިވާނީވެސް ޕޯޓަލް މެދުވެރިކޮށްކަމަށެވެ.

އެމްއާރު އެމްއަށް މެންބަރުން ހަމަކުރުމަށް މިއަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ދިން ދެވަނަ ނޯޓިސްގެ މުއްދަތު ހަމަވީ މިދިޔަ ބުދަ ދުވަހަށެވެ.

ފުރަތަމަ ނޯޓިސް 2022 ގައި ދިނުމުން  މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެޕާޓީން މެމްބަރުން ހަމަކުރި އެވެ.

ދެ ވަނަ ފަހަރަށް  ފެބުރުއަރީ 22ގައި ނޯޓިސް ފޮނުވިއެވެ. އަދި އީސީން ބުނީ އަދަދު ހަމަކުރަން ދިން މުއްދަތުގައި އެކަން ނުވެއްޖެ ނަމަ އޮންނާނީ ޕާޓީ އުވާލުން ކަމަށެވެ.

އިލެކްޝަންސްއިން ހާމަކުރި މައުލޫމާތުގައިވާގޮތުން ފެބުރުއަރީއާ ހަމައަށް އެޕާޓީގެ މެމްބަރުންގެ އަދަދަކީ 2،981 އެވެ. މަދުވަނީ 21 މެންބަރުންނެވެ.

ސަރުކާރުގެ މަގާމްތަކުގައި ތިއްބެވި އެމްއާރުއެމްގެ ހަތް މެމްބަރަކު ޕާޓީން ދާދިފަހުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

ސަރުކާރުގެ މަގާމްތަކުގައި ތިއްބެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރުއެމްގެ މެމްބަރުކަމުން އިސްތިއުފާދެއްވީ:

  • އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު
  • ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓާ ކޮމިއުނިކޭޝަން އިސްމާއީލް ނާއިލް ރަޝީދު
  • އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު
  • ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު ފަރުހާދު އިބްރާހީމް
  • މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމު
  • އެޗްޑީސީގެ ބޯޑު މެންބަރު އިބްރާހީމް އަފްރާތު
  • އަބްދުލްޙަމީދު އަހުމަދު

އަދި އެޕާޓީގެ 37 މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތުވެސް ދާދިފަހުން ވަނީ އެ ޕާޓީން ހުޅުވައިލައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް