ads
ރާއްޖެގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
އީވާއާއި ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް ތާވަލު ކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ތާވަލުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑައިރެކްޓާ ހަސަން ޒިޔާއު މިއަދު "ސީއެންއެމް" އަށް ވިދާޅުވީ ނޯޓިސް އެމައްސަލައިގެ ނޯޓިސް ފޮނުވާފައިވާ ކަމަށާއި، 13 ޖޫން އަށް މައްސަލަ ތާވަލު ކޮށްފައިވާ ކަމަށެވެ.

ޝާހިދުގެ މައްސަލަ ތާވަލު ކޮށްފައިވަނީ މިއަންނަމަހުގެ 6 ވަނަދުވަހަށެވެ.

އީވާގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ އެމްޑީޕީގެ 50 މެންބަރުންގެ ސޮޔާއި އެކުއެވެ. އެއީ އެމްޑީޕީގެ 49 މެމްބަރަކާއި އަމިއްލަ މެމްބަރު، ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) ގެ ސޮޔާ އެކު އެވެ. 

އަދި ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ މައްސަލައާ ގުޅުވައިގެން ރިފްއަތާއި ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ އިދިކޮޅު މެމްބަރުންނެވެ. 

your imageއީވާ އަބްދުﷲ

މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ވަކި ކުރުމާއި ގުޅޭ ގޮތުން މީގެ ކުރިން އީވާ ވިދާޅުވީ މަގާމެއް ދިފާއު ކުރުމުގެ ބޭނުމުގައި އެމްޑީޕީގައި ނުހުންނާނެ ކަމަށެވެ. އަދި މަގާމުން ދުރުކުރަން އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅި ނަމަވެސް މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށެވެ. 

އީވާ މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހަޅާފައި މިވަނީ އެމްޑީޕީން ވަކިވެ "ފިކުރެއްގެ ދިރުން" ހަރަކާތުގެ މެންބަރުންނާއި އެކު "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށެވެ. އީވާ އާއި އެކު އެމްޑީޕީން 12 މެންބަރަކު ވަކިވެ ވަޑައިިގަތެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކި ކުރަން ހުށަހެޅޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރު ބައިކުޅަ އެއްބަޔަށްވުރެ މަދު ނޫން އަދަދެއްގެ މެންބަރުންގެ ސޮޔާއެކު އެވެ. އެއީ 22 މެންބަރުންގެ ސޮޔެވެ. 

މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކި ކުރެވޭނީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވާ މެންބަރުންގެ އަގްލަބިއްތޔަތުންނެވެ. މަޖިލީހުގެ ހުރިހާ މެންބަރުން ބައިވެރިވާނަމަ އެއީ 43 މެންބަރުންގެ ވޯޓެވެ. އެމްޑީޕީއަށް ނިސްބަތްވާ 55 މެންބަރުން މަޖިލީހުގައި އެބަ ތިއްބެވި އެވެ. 

އަންނަ ބުދަ ދުވަހަށް އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް ވަނީ ތާވަލު ކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް