ހައިލަމް ޖޭޕީއަށް ސޮއި ކުރެއްވުމަށް ފަހު ފޯމާއި ހަވާލުވެވަޑައިގެންނެވީ އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ. މިއީ ހައިލަމް ސިޔާސީ ޕްލެޓްފޯމަކުން ފެނުނު ފުރަތަމަ ފަހަރެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ދައުލަތުން ކުރި ދައުވާތަކުގެ ޝަރީއަތްތައް ލައިވްކޮށް ކުރިއަށް ގެންދެވި ހައިލަމް ކްރިމިނަލް ކޯޓަށް ވަޑައިގެންނެވުމުގެ ކުރިން ޕީޖީ އޮފީހުގައިވެސް މަސައްކަތް ކުރެއްވި އެވެ.
ކްރިމިނަލް ކޯޓްގެ އިސް ގާޒީކަމުގައި ހުންނެވުމަށް ފަހު ހައިލަމް އިސްތިއުފާ ދެއްވީ ޖުޑީޝަލް ސާވިސް ކޮމިޝަނުން އޭނާގެ ސުލޫކީ މައްސަލައެއް ބެލުމަށްފަހު، މަގާމުން ވަކިކުރުމަށް ނިންމާ، ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ވަނިކޮށް، 03 ޑިސެމްބަރ 2019 ގައެވެ.
ހައިލަމްގެ މައްސަލަމް ވަކިކުރަން ޖޭއެސްސީން ނިންމީ ރައީސް ޔާމީންގެ ޝަރީއަތް ނިމެން ކައިރިވެފައި ވަނިކޮށް 2019 ވަނަ އަހަރުގެ ނޮވެމްބަރު 11 ގައި ފާހަގަކުރި ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަށް ފޮނުވި ފޮޓޮއެއްގެ މައްސަލައިގަ އެވެ.
އެ ފޮޓޯގައި ފެންނަނީ ނޮވެމްބަރު 3، 1988 ގައި ކުލީ ސިފައިންނާއެކު ރާއްޖެ އެރި އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރާއި އެ ބަގާވާތުގައި ބައިވެރިވި ބައެއް މީހުންގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ސަރުކާރުގެ ބައެއް ވެރިންގެ ކަރުގައި ޗޭނު ޖަހަފާއި ވަނިކޮށެވެ.
އެ ބޭފުޅުންގެ ކަރުގައި ޖަހާފައިވާ ޗޭނު ހިފަހައްޓައިގެން ހުރި ކަމަށް އެ ކުރެހުމުގައި ފެންނަނީ ނޮވެމްބަރު 3 ގެ ބަތަލު ޝަހީދު ހުސައިން އާދަމެވެ.