
އެމްއޭސީއެލުން ބުނީ 2019 ވަނަ އަހަރު ކޮވިޑާ ގުޅިގެން، އެ ކުންފުނީގެ ހަރަދުގައި މުވައްޒަފުން ހައްޖަށް ފޮނުވުން މެދުކަނޑާލާފައި އޮތުމަށްފަހު، އަލުން މުވައްޒަފުން ހައްޖަށް ފޮނުވުމަށް ނިންމައި، މުވައްޒަފުންނަށް ލިޔުން ހަވާލުކޮށްފައިވަނީ ހުޅުލޭ އައިލެންޑް ހޮޓަލުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކަމަށެވެ. އެ ލިޔުން މުވައްޒަފުންނާ ހަވާލުކޮށްދެއްވާފައިވަނީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މަހްޖޫބު ޝުޖާއު ކަމަށް އެމްއޭސީއެލުން ބުނެއެވެ.
އެމްއޭސީއެލުން ބުނެފައިވަނީ އެ ކުންފުނީގެ ހައްޖު ސްޕޮންސަޝިޕަކީ ހައްޖުގެ އަޅުކަން އަދާކުރުމަށް، އެ ކުންފުނީގައި ގިނަ ދުވަހު މަސައްކަތް ކުރަމުންދާ ހީވާގި މުވައްޒަފުންނަށް އެމީހުންގެ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ދެވޭ ސްޕޮންސަޝިޕެއް ކަމަށެވެ. ކޮވިޑާ ގުޅިގެން މެދުކެނޑިފައި އޮތުމަށްފަހު ހައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދެވޭގޮތްވުމާ އެކު، މިދިޔަ އަހަރުން ފެށިގެން ހައްޖު ކޯޓާ ހޯދުމަށް އެ ކުންފުނިން ކަމާ ބެހޭ ފަރާތްތަކާ އެކު ދިޔައީ މަޝްވަރާކުރަމުން ކަމަށް އެމްއޭސީއެލުން ބުނެއެވެ. އެމްއޭސީއެލުން ބުނީ އެކަމަށް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މި އަހަރު ރާއްޖޭން ހައްޖަށް މީހުން ގެންދިޔުމަށް، އިސްލާމިކް މިނިސްޓްރީއަށް ރިޒާވްކޮށްފައިވާ ކޯޓާގެ ތެރެއިން އެ ކުންފުންޏަށް ވަނީ ފަސް ޖާގަ ހަމަޖެހިފައި ކަމަށެވެ.
އެމްއޭސީއެލްގެ ހައްޖު ސްޕޮންސަޝިޕް ލިބުނު ފަސް މުވައްޒަފުންނަށް އެކަމުގެ ލިޔުން ވަނީ ހަވާލުކޮށްފައި - ފޮޓޯ:އެމްއޭސީއެލް
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، އިބްރާހިމް ތޯހާ ވިދާޅުވި ގޮތުގައި މުވައްޒަފުންގެ ކުރިއެރުމާއި ތަރައްގީއަށް އަދި އެހެނިހެން ފުރުސަތުތައް ހޯދައިދިނުމަށް އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކަމުގައެވެ. އެގޮތުން، މުވައްޒަފުން ހައްޖަށް ފޮނުވުމުގެ ސްޕޮންސަޝިޕަކީވެސް އެގޮތުން ފާހަގަކުރެވޭ ކާމިޔާބީއެއް ކަމަށް ތޯހާ ވިދާޅުވިއެވެ.
މި އަހަރު ހައްޖު ދަތުރަށް ޖާގައިގެ ފުރުސަތު ދިނުމުގައި އެ ކުންފުނިން ބަލާފައިވަނީ ކުންފުންޏަށް އެންމެ ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން ކުންފުނީގެ އުސޫލުތަކާ އެއްގޮތަށް އެކަށައަޅާފައިވާ ޝަރުތުތައް ހަމަވާ މުވައްޒަފުންނަށް ކަމަށް އެމްއޭސީއެލުން ބުނެއެވެ.