ads
ސްކޫލް ދަރިވަރުންނަށް އަމާޒުކޮށް އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި - ފޮޓޯ:އެމްޕީއެލް
ސްކޫލް ޗުއްޓީ އާ ދިމާކޮށް އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގްރާމަށް ހުޅުވާލައިފި
ސްކޫލް ދަރިވަރުންނަށް އަމާޒުކޮށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އިންޓާންޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޕީއެލުން ބުނީ އިންޓާންޝިޕް ޕްރޮގްރާމަކީ ސާނަވީ އަދި މަތީ ސާނަވީ ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނަށް މަސައްކަތުގެ މާހައުލުގައި އަމަލީ ހުނަރުތައް ދަސްކޮށްދީ ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ހިންގާ ޕްރޮގްރާމެއް ކަމަށެވެ. މި ޕްރޮގްރާމުގައި މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ބައިވެރިވެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޕީއެލުން ބުނި ގޮތުގައި މި ޕްރޮގްރާމް ހިންގުމުގެ ބޭނުމަކީ އެ ކުންފުނީގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި ދާއިރާތަކަށް ދަރިވަރުން އަހުލުވެރިކޮށް، މެރިޓައިމް އާ ގުޅުންހުރި ދާއިރާތަކަށް ދަރިވަރުން ޝައުގުވެރިކުރުވުން ކަމުގައެވެ. އޭގެ އިތުރުން އެ ޕޯޓުގައި ކުރާ މަސައްކަތްތަކާ މެދު ދަރިވަރުން އަހުލުވެރިކުރުމަކީ ވެސް މި ފަދަ ޕްރޮގްރާމެއްގެ އެއް ބޭނުން ކަމަށް އެމްޕީއެލުން ބުނެއެވެ. 

އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގްރާމުގައި ހިމެނޭ ދާއިރާތައް:

  • މެކޭނިކަލް އިންޖިނިއަރިން
  • ސިވިލް އިންޖިނިއަރިން
  • މެރިން އިންޖިނިއަރިން
  • އިލެކްޓްރިކަލް އިންޖިނިއަރިން
  • އިންފޮމޭޝަން ޓެކްނޮލޮޖީ
  • ބިޒްނަސް ޑިވެލޮޕްމަންޓް
  • މާކެޓިން

އެމްޕީއެލްގެ ލާނިން އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުން ހިންގާ މި އިންޓާންޝިޕް ޕްރޮގްރާމް އޮންނާނީ އަންނަ ސްކޫލް ބަންދާ ދިމާކޮށް ޖޫން މަހުގެ 25 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ތިންވަނަ ދުވަހާ ހަމައަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޕީއެލުން ބުނެފައިވަނީ މި ޕްރޮގްރާމަށް ހޮވޭ ދަރިވަރުން މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދަމުންދާއިރު، ކޮންމެ ކުއްޖަކަށްވެސް މެންޓާއެއް ހަމަޖައްސާނެ ކަމަށެވެ. މަސައްކަތުގެ މާހައުލުގައި ދަރިވަރުންނަށް މަސައްކަތުގެ ހުނަރު ދަސްކޮށްދީ، މައުލޫމާތުތައް ދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާނީ މެންޓާގެ ގޮތުގައި ކަނޑައަޅާ މުވައްޒަފުކަމަށް އެ ކުންފުނިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް