މަހިބަދޫއަކީ ރާއްޖޭގައި އެންމެ މަތީ ފެންވަރުގެ އެންމެ ގިނަ ފުޓްބޯޅަ ކުޅުންތެރިން އުފެއްދި އެއް ރަށެވެ. ރާއްޖޭގެ އެއް ނަންބަރު ގޯލް ކީޕަރު އިމްރާން މުހައްމަދާ، ކުރީގެ އެންމެ މޮޅު އެއް ފޯވާޑު އަހްމަދު ތޯރިގް، އަދި މާޒިޔާއާ ގައުމީ ޓީމުގައި މޮޅު ކުޅުމެއް ކުޅުނު އަސަދުﷲ އަބްދުﷲ އަސަކޮވެސް ނިސްބަތްވަނީ އދ. މަހިބަދޫއަށެވެ. މި ތިން ކުޅުންތެރިން ނޫނަސް އެ ރަށަށް ނިސްބަތްވާ ގިނަ ކުޅުންތެރިންތަކެއް ރާއްޖޭގެ އެންމެ މަތީ ފެންވަރުގައި އަބަދުވެސް ކަހަލަ ގޮތަކަށް ހިމެނެއެވެ.
ޕެލޭ ސްޓޭޑިއަމުން މަހިބަދޫ ސްޓޭޑިއަމަށް ނަން ދީފައިވާއިރު، ދުނިޔޭގެ ކޮންމެ ގައުމެއްގައި ވެސް ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް، ޕެލޭގެ ނަމަށް ހާއްސަކޮށް އެއް ސްޓޭޑިއަމް ބޭއްވުމަށް އފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯވަނީ އިލްތިމާސްކޮށްފައެވެ. ދުނިޔޭގެ ފުޓްބޯޅަ ތާރީހުގައި ފެނުނު އެންމެ ހާއްސަ އެއް ކުޅުންތެރިޔާ، ޕެލޭ ވަނީ މިދިޔަ ޑިސެމްބަރު މަހު މަރުވެފަ އެވެ. އުމުރުން 82 އަހަރުގައި ޕެލޭ މަރުވީ ކެންސަރު ބައްޔާއި ހިތުގެ ބައްޔަށް ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ހޯދުމަށް ފަހު އެވެ.
ބްރެޒިލްގެ ސައޮ ޕައޮލޯގައި އެ ގައުމުގެ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި އިންފަންޓީނޯ ވިދާޅުވީ، ޕެލޭގެ ހަނދާންތައް ފުޓްބޯޅައިގައި ތާއަބަދަށް ދެމި އޮންނާނެ ކަމަށާއި ޕެލޭގެ ހަނދާން އަބަދުވެސް އާ ކުރުމުގެ ގޮތުން ފީފާ އިން ވެސް ކަންތައްތަކެއް ކުރަން ޖެހޭ ކަމަށެވެ.
"އަހަރެމެން ފީފާ އިން ކޮންމެ ގައުމެއްގައި ވެސް އެދޭނަން، ޕެލޭގެ ނަމަށް ހާއްސަކޮށް ކޮންމެވެސް އެއް ސްޓޭޑިއަމެއް ބާއްވަން،" އިންފަންޓީނޯ ވިދާޅުވި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަހިބަދޫ ޕެލޭ ސްޓޭޑިއަމް ހުޅުވުމަށް މާދަމާ އެ ރަށުގައި ދިވެހި ގައުމީ ފުޓްބޯޅަ ޓީމާ މަހިބަދޫ ޓީމާ ދެމެދު އެކުވެރިކަމުގެ މެޗެއް ކުޅޭނެއެވެ.