ރައީސް ސޯލިހު ފ. އަތޮޅުގެ ރަށްތަކަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނު އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހުމަދާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވަ އެވެ.
ރައީސް އޮފީހުން ބުނީ ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި ފ. އަތޮޅުުގެ ހުރިހާ ރަށަކަށް އެމަނިކުފާނު ވަޑައިގަންނަވާނެ ކަމަށެވެ.
ރައީސް ސޯލިހާއި އެމަނިކުފާނުގެ ވަފުދު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ އެ އަތޮޅު ނިލަންދޫ އަށެވެ. އެއަށްފަހު އެއަތޮޅު ދަރަނބޫދޫ އަށާއި، މަގޫދޫ އަދި ބިލެތްދޫގެ އިތުރުން ފީއައްޔަށްވެސް ރައީސް ވަޑައިގަންނަވާނެއެވެ.
ފ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި ރައީސް ސޯލިހު އެރަށްރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންގެ އިތުރުން އާންމު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
މީގެ އިތުރުން ރައީސް ސޯލިހު ވަޑައިގަންނަވާ ރަށްރަށުގައި ސަރުކާރުން ހިންގާ ނިންމާފައިވާ މަޝްރޫތައް އިފްތިތާހު ކޮށްދެއްވާނެ އެވެ. އަދި ނުނިމި ހުރި މަޝްރޫތައް ކުރިއަށް ދާ ގޮތް ބައްލަވާލައްވާނެ އެވެ.
ރައީސް އޮފީހުން ބުނީ ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި ފ. އަތޮޮޅު ހޮސްޕިޓަލަށް ޒިޔާރަތް ކުރެއްވުމުގެ އިތުރުން މަގޫދޫގައި އަޅަމުން އަންނަ އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާނެ ކަމަށެވެ.