ads
އެމްއެންޔޫއިން މީގެކުރިން ބޭއްވި ޖޮބް ފެސްޓިވަލެއްގެ ތެރެއިން - ފޮޓޯ:އެމްއެންޔޫ
އެމްއެންޔޫގެ 'ފަހި ފުރުސަތު' މިއަދު ހަވީރު ހުޅުވަނީ
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ޖޮބް ފެސްޓިވަލް 'އެމްއެންޔޫ ފަހި ފުރުސަތު' ހުޅުވުމުގެ ރަސްމިއްޔާތު މިއަދު ހަވީރު އޮންނާނެ ކަމަށް އެ ޔުނިވާސިޓީން ބުނެފިއެވެ.

އެމްއެންޔޫއިން ބުނީ މި ފެސްޓިވަލް ހުޅުވުމުގެ ރަސްމިއްޔާތު ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 03:45 ގައި ކަމަށެވެ. ގައުމީ ޔުނިވާސިޓީގެ މަރުކަޒީ އިދާރާގައި އޮންނަ މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ވަޑައިގަތުމަށް ހަަމަޖެހިފައިވަނީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ކަމަށް އެމްއެންޔޫއިން ބުނެއެވެ.

އެމްއެންޔޫގެ ފަހި ފުރުސަތު މިއަދާއި މާދަމާގެ ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 10:00 އަށް ގައުމީ ޔުނިވާސިޓީގެ މަރުކަޒީ އިދާރާގައި ކުރިއަށް ދާނެ ކަމަށް އެ ޔުނިވާސިޓީން ބުނެއެވެ. އެމްއެންޔޫއިން ބުނެފައިވަނީ އެ ޔުނިވާސިޓީން ދަސްވެނިވާ ދަރިވަރުންނަށާއި އާންމުންނަށް އަމާޒުކޮށްގެން ބާއްވާ މި ޖޮބް ފެސްޓިވަލަށް ވަނުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ. މި ފެސްޓިވަލް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ 'ގިވިން ބެކް ޓު ސޮސައިޓީ' ނުވަތަ 'މުޖުތަމައުއަށް އަނބުރާ ދިނުން' މި ޝިއާރުގެ ދަށުން ކަމަށް އެމްއެންޔޫއިން ބުނެއެވެ.

އެ ޔުނިވާސިޓީން ބުނި ގޮތުގައި މިފަދަ ފެސްޓިވަލެއް ކުރިއަށް ގެންދިިއުމުގެ މަގުސަދަކީ، ރާއްޖޭގެ އެކި ސަރަހައްދުތަކާއި މާލޭގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި އެކި މުއައްސަސާތަކުގައި ހުރި އާމްދަނީ އަދި މަސައްކަތު ތަޖުރިބާ ލިބޭ ފުރުސަތުތައް އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަށް ކަމުގައެވެ.

އެމްއެންޔޫއިން ބުނީ މި ފެސްޓިވަލް އިންތިޒާމު ކުރުމުގެ ބޭނުމަކީ އާންމުންނާއި ހަމައަށް މީގެ ކުރިން ގެނެސްނުދެވި ހުރި ފުރުސަތުތަކާއި ބްރޭންޑުތަކުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށާއި ރާއްޖޭގައި ހުރި އެކި ކަހަލަ ސިނާއީ ފުރުސަތުތަކާއި އެ ކަންކަމާ ގުޅޭ ހުނަރުވެރިން ބިނާކުރުމަށް އަހުލުވެރިކުރުވައި އެފަދަ ކަންކަމަށް ޝައުގުވެރިކުރުވުން ކަމަށެވެ. މީގެ އިތުރުން ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުވެރި އުފެއްދުންތެރިންނަށް އެފަދަ ފުރުސަތުތައް ފަހިކޮށްދީ، އެފަދަ މާހައުލެއް އުފެއްދުމަކީ މި ފެސްޓިވަލް ބޭއްވުމުގެ ބޭނުމެއް ކަމަށް އެ ޔުނިވާސިޓީން ބުނެއެވެ.

އެމްއެންޔޫއިން ވަނީ މިދިޔަ އަހަރު ދެ ފަހަރެއްގެ މަތިން 'ފަހި ފުރުސަތު' ގެ ނަމުގައި ޖޮބް ފެސްޓިވަލް ބާއްވާފައެވެ. އެގޮތުން ފުރަތަމަ ފެސްޓިވަލް ބާއްވާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އަދި ދެވަނަ ފެސްޓިވަލް ބާއްވާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގައެވެ. ނޮވެމްބަރުު މަހު ބޭއްވި ފެސްޓިވަލުގައި ކުންފުނިތަކާއި މުއައްސަސާތައް ހިމެނޭހެން 30 ފަރާތުން ބައިވެރިވެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް