
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންނަށް މަޖިލީހުގެ ކޮމިޓީގައި ޖަވާބުދާރީވުމުގެ ފުރުސަތު ނުދޭން ނިންމާފައި އޮތުމަށް ފަހު، އެންމެ ފަހުން ކޮމިޓީގެ ބައްދަލުވުންވެސް ސިއްރު ކުރަން ވެރިކަން ކުރާ ޕީއެންސީން ނިންމިއެވެ.
ސިއްރުން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ނިންމީ އަޒްމިރަލްދާ އާއި މަހާޒް ވަކިކުރަން ޖޭއެސްސީން ނިންމީ އިޖުރާއަތުތައް ފުރިހަމަ ކޮށްގެން ކަމަށެވެ.
ކޮމެޓީގައި ތިބި ޕީއެންސީ ހުރިހާ މެމްބަރުންގެ ވޯޓާއި އެކު ނިންމީ ޖޭއެސްސީގެ ރިޕޯޓް ރަނގަޅު ކަމަށެވެ. އެހެންކަމުން ދެ ފަނޑިޔާރުން ވަކިކުރުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވަންވެސް ވަނީ ނިންމާފައެވެ.
މި މައްސަލަ ދިރާސާ ކުރާ ޖުޑީޝަރީ ކޮމިޓީ ސިއްރު ކުރަން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު، މުހައްމަދު ޝާހިދު އެވެ. އެ ކޮމިޓީ ސިއްރު ކުރަން ފާސްކުރީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޕީއެންސީގެ ހުރިހާ މެމްބަރުންގެ ތާއީދާއެކު އެވެ.
އެ ކޮމިޓީ ސިއްރު ކުރުމާ ދެކޮޅު ހެއްދެވީ ޖުޑީޝަރީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ދެ މެމްބަރުން، އިބްރާހިމް ނާޒިލް އާއި މައުރޫފް ޒާކިރު އެވެ. އެ ކޮމިޓީ ސިއްރު ކުރަން ނިންމުމާއެކު އެ ދެ މެމްބަރުން ވަނީ ކޮމިޓީ ދޫކޮށް ނުކުމެވަޑައިގެންފަ އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރަށް ދިފާއީ ހައްގުތައް ފުރިހަމަ ގޮތުގައި ދީފައި ނެތް ނަމަ، ރައްޔިތުންގެ މަޖިލީހުން އެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ބޭރުކުރަން ކޮމަންވެލްތުގައި ހިމެނޭ ގާނޫނީ ވަކީލުންގެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.