ads
ފޮޓޯ: ފޮރިން މިނިސްޓްރީ
ރޮހިންޔާ މީހުންގެ މައްސަލައަށް ރާއްޖެއިން ވަނުމުން އެކަމަށް އޯއައިސީއިން މަރުޙަބާ ކިޔައިފި
ބައިނަލްއަގްވާމީ ކޯޓު، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) ގައި ކުރިއަށްދާ ރޮހިންޔާ މުސްލިމުންގެ މައްސަލައަށް ތަދައްހުލްވާން ދިވެހިރާއްޖެއިން ނިންމި ނިންމުމަށް، އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާ (އޯ.އައި.ސީ)އިން މަރުހަބާ ކިޔައިފިއެވެ.

ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ހައްގުތައް ހޯދައިދިނުމަށް، އެމައްސަލަ އދގެ ކޯޓަށް އެންމެ ފުރަތަމަ ހުށަހެޅީ ދަ ގެމްބިއާއިންނެވެ. އަދި މިމައްސަލައިގައި ގެމްބިއާއާއެކު މަސައްކަތްކުރުމަށް ރާއްޖެއިން ހުށަހަޅާނެކަން އިއުލާންކުރެއްވީ މިދިޔަ ފެބްރުއަރީ މަހު ކުރިއަށްދިޔަ އދގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލްގެ 43 ވަނަ ސެޝަންގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

ފޮރިން މިނިސްޓްރީން ބުނީ ޖެނީވާގައި ކުރިއަށްދިޔަ ސެކްރެޓަރީ ޖެނެރަލްސް އޯރަލް އަޕްޑޭޓްސްގައި ރޮހިންޔާ މުސްލިމުންގެ މައްސަލައިގައި އދއިން ކުރަމުންދާ މަސައްކަތްތަކާ ބެހޭ މަޝްވަރާގައި އޯ.އައި.ސީގެ ފަރާތުން ރާއްޖެއަށް މަރުހަބާ ކިޔާފައިވަނީ ޕާކިސްތާނުން އިއްވި ސްޓޭޓްމަންޓްގައެވެ. 

މިއީ ރާއްޖޭގެ ނިންމުމަކަށް އޯ.އައި.ސީ އިން މަރުޙަބާ ކީ ފުރަތަމަ ފަހަރެވެ. ރާއްޖޭގެ ނިންމުމަށް، އޯ.އައި.ސީގެ ފަރާތުން މަރުޙަބާ ކިޔަމުން ޕާކިސްތާނުން ބުނީ މިއީ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް އިންސާފު ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތްކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށްފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ރޮހިންޔާ މުސްލިމުންނަށް ދިމާވެފައިވާ ހާލަތަކީ މިވަގުތު އިސްލާމީ އުއްމަތަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމަށް އޯ.އައި.ސީއިން ދެކެއެވެ. 

ފޮރިން މިނިސްޓްރީން ބުނީ 2018 ވަނަ އަހަރު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވި އޯ.އައި.ސީ ކައުންސިލް އޮފް ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި، ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ އިންސާނީ ހައްގުތައް ނިގުޅައިގަތުމަށް ކުރެވޭ ކަންކަން ބެލުމަށް ވަޒީރުންގެ ފެންވަރުގެ ކޮމިޓީއެއް ހެދުމަށް ފާސްކުރެވުނެވެ. 

އެކޮމިޓީގެ ރިޔާސަތު ބަލަހައްޓަން ހަވާލުކުރީ ދަ ގެމްބިއާ އާއެވެ. އަދި 2019 ވަނަ އަހަރު ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ވެރިރަށް އަބޫދާބީގައި ބޭއްވި އޯ.އައި.ސީ ކައުންސިލް އޮފް ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި، ރޮހިންޔާ މުސްލިމުންގެ ހައްގުތައް ހޯދުމަށް ބައިނަލްއަގްވާމީ ކޯޓަށް މައްސަލަ ހުށަހެޅުމަށް މެމްބަރު ހުރިހާ ގައުމަކުން އެއްބަސްވެފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ހަމައެހެންމެ 2019 ވަނަ އަހަރު ސައޫދީ އަރަބިއްޔާގެ މައްކާގައި ބޭއްވި އިސްލާމީ ގައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި، ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ހައްގުތައް ހޯދައިދީ، ހައްގުތަކަށް އަރައިގަތް މީހުންނަށް އަދަބު ދިނުމަށް ބައިނަލްއަގްވާމީ ކޯޓަށް އޯ.އައި.ސީގެ ފަރާތުން މައްސަލަ ހުށަހެޅުމުގެ ހުއްދަ ދަ ގެމްބިއާ އަށް ދިން ކަމަށް ވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ރޮހިންޔާ މުސްލިމުންގެ ހައްގުތައް ހިމާޔަތްކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އައި.ސީ.ޖޭ އިން މިޔަންމާ ސަރުކާރަށް އަންގާފައިވާ މި ދަނޑިވަޅުގައި، މިމައްސަލައަށް ތަދައްހުލްވާން ދިވެހިރާއްޖެއިން ނިންމި ނިންމުމަށް، އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާ އޯއައިސީގެ 57 ގައުމު ހިމެނޭ ގޮތަށް، އިސްލާމީ އުއްމަތުން މަރުޙަބާ ކިޔާފައިވާ ކަމަށެވެ.

އޭގެ އިތުރުން ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާއި، އެމީހުންގެ ހައްޤުތައް ހޯދުމަށް މަސައްކަތްކުރާ ގިނަ ޖަމްއިއްޔާ ތަކަކުން އެކަމަށް މަރުހަބާ ކިޔައި، ދިވެހިރާއްޖެއަށް ޝުކުރު އަދާކޮށްފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް