ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް ސޯލިހު މިއަދު ވަނީ މަގޫދޫ އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދަށް ވަޑައިގެން އެ މަސައްކަތްތައް ބައްލަވާލައްވާފަ އެވެ.
ރައީސް ސޯލިހުގެ އަރިހުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްގެ އިތުރުން ފަސްޓް ލޭޑީ ފަޒްނާވެސް އެއާޕޯޓަށް ވަޑައިގެންނެވި އެވެ.
ރައީސް ސޯލިހު ރޭ މަގޫދޫގައި އޮތް ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ މަގޫދޫ އެއާޕޯޓުގެ މަސައްކަތްތައް މި ދައުރުގެ ތެރޭގައި ނިމުން ކަމަށެވެ.
ސަރުކާރުން މިދިޔަ އަހަރުގެ ތެރޭގައި މަގޫދޫ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިމެނޭ ގޮތަށް މަގޫދޫގެ ހިއްކުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއި އެވެ.
ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް މަގޫދޫ އެއާޕޯޓް އެޅުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ އެމްޓީސީސީއާއި ހަވާލުކޮށްފަ އެވެ.
އެމްޓީސީސީއާއި މަގޫދޫ އެއާޕޯޓް އެޅުމަށް ހަވާލުކުރީ 1،500 މީޓަރުގެ ރަންވޭއެއް އަޅާގޮތަށެވެ. ނަމަވެސް މިހާރު ސަރުކާރުން ވަނީ 1،800 މީޓަރުގެ ރަންވޭއަކަށް ބޮޑު ކުރަން ނިންމާފަ އެވެ. މި މަޝްރޫ އެމްޓީސީސީއާއި ހަވާލު ކުރީ 231.5 މިލިއަން ރުފިޔާ އަށެވެ. އަދި މަޝްރޫ ނިންމަން ދިން މުއްދަތަކީ 550 ދުވަހެވެ.
ރައީސް ސޯލިހު މަގޫދޫއަށް ވަޑައިގެން އެރަށުގެ ފެނާއި ނަރުުދަމާ އަދި ފެނަކައިގެ އާ އޮފީސް އިމާރާތް ރޭ ވަނީ ހުޅުވައިދެއްވާފަ އެވެ.
މީގެ އިތުރުން މަގޫދޫގެ ރައްޔިތުންނާއި ބައްދަލުކޮށް ރައްޔިތުންގެ ޝަކުވާތައް ރައީސް ވަނީ އަޑު އައްސަވާފަ އެވެ. އަދި މަގޫދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި އެކު ރައީސް ވަނީ މިއަދު ހެނދުނު ބައްދަލުވުމެއްވެސް ބާއްވާފަ އެވެ.