
ރާއްޖޭން ބޭރުގައި ދިރި އުޅޭ މީހުންގެ ތެރެއިން އަމިއްލަ ގައުމުގައި ހިނގަމުންދާ ކަންނަމަކީ ކަންބޮޑުވާ ކަންކަންކަމަށް ނިންމާ ގިނަ މީހުންނަކީ ސިޔާސީ ކަންކަމަށް ޝައުވެރިކަން ހުންނަ މީހުންނެވެ. އަދި ދިވެހީންގެ ތެރެއިންވެސް އެފަދަ މީހުން ކްލަބްހައުސްފަދަ ޕްލެޓްފޯމްތަކުގައި ވަރަށް ބޮޑަށް ހަރަކާތްތެރިވާ މަންޒަރުވެސް ފެނެވެ.
ރާއްޖެއިން ޒަމާނުއްސުރެ އަންނަނީ ބައެއް ގައުމުތަކުގައި ވޯޓުލުމުގެ އިންތިޒާމު ހަމަޖައްސަމުންނެވެ. އަންނަ ރިޔާސީ އިންތިހާބަށް އިލެކްޝަންސް ކޮމިޝަނުން އަމާޒު ހިފާފައިވަނީ އެގޮތަށެވެ.
އެގޮތުން 150 މީހުން ހަމަވާނަމަ އިންޑިއާގެ ޓްރިވަންޑްރަމް، ނިއުދިއްލީ، ކޮޅުނބު، މެލޭޝިއާގެ ކުއަލަލަމްޕޫރު ސިންގަޕޫރު، އިނގިރޭސި ވިލާތުގެ ލަންޑަން، ތައިލޭންޑްގެ ބެންކޮކް އަދި އަބޫދާބީއާއި ޖަޕާނުގެ ޓޯކިޔޯގައިވެސް ވޯޓުލާ މަރުކަޒުތައް ގާއިމް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަފައެވެ.
ވޯޓުލަނީ
އިލެކްޝަންސް ކޮމިޝަނުން ބުނަނީ އެއީ ގިނަ ދިވެހީންނަށް ވޯޓުލުމުގެ ފުރުސަތު ދިނުމަށް ކުރާ ކަމެއް ކަމަށެވެ. އެހެން ގައުމުތަކުގައި މިކަން އޮތީ މިހެން ތޯއެވެ.؟
ޔޫރަޕް، އޭޝިއާ، އެފްރިކާ، ނުވަތަ އެހެންބައްރުތަކުގައި ވެސް، ގިނަ ގައުމުތަކުން އެ ގައުމުތަކުގެ ރައްޔިތުންނަށް އިންތިހާބުތަކުގައި ވޯޓުލުމުގެ ފުރުސަތު ދެނީ ވަކި އަހަރުތަކެއް ވަންދެން ރައްޔިތަކުން ގައުމުން ބޭރުގައި ދިރިއުޅެމުން އަންނަ ނަމައެވެ. އެހެންނަމަވެސް މިކަން އެކި ގައުމުތަކުގައި އޮންނަނީ އެކި ގޮތަށެވެ.
މިސާލަކަށް ޖަރުމަނުވިލާތުގައި ގައުމީ އިންތިހާބުގައި ވޯޓުލުމުގެ ފުރުސަތު ލިބެނީ ވޯޓްލުމަށް ރެޖިސްޓްރީކޮށްފައިވާ އެގައުމުގެ ރައްޔިތަކަށް ވާނަމައެވެ. އޭގެ މާނައަކީ ޖަރުމަނުގެ ވޯޓާސް ލިސްޓްގައި ރަޖިސްޓްރީގައި އެ މީހުން ލިސްޓުކޮށްފައި އޮތުމެވެ. އަދި ރަޖިސްޓްރީ ވެފައި ނުވާ ޖަރުމަނުގެ މީހުން ކޮންމެ އިންތިހާބެއްގެ ކުރިން ވޯޓުލުމުގެ ފުރުސަތު ދިނުމަށް އެ މީހުން ދިރިއުޅޭ ސަރަހައްދުގެ މުނިސިޕަލްޓީއަށް ރަސްމީކޮށް ހުށަހަޅަން ޖެހެ އެވެ.
ސްވިޒަލޭންޑަކީ ޑިމޮކްރެޓިކް ނިޒާމަށް ދުނިޔޭގެ ފެންވަރުގައި މަޝްހޫރު ގައުމެކެވެ. އެހެންވީމާ، ފެޑެރަލް އިންތިހާބުގައި ގައުމުން ބޭރުގައި ދިރިއުޅޭ މީހުން ވެސް ހިމެނޭގޮތަށް ސްވިޒަލޭންޑްގެ ހުރިހާ ރައްޔިތުންނަށް ވޯޓުލުމުގެ ފުރުސަތު އޮވެއެވެ. ވޯޓްލުމަށް ހާއްސަކޮށް ރެޖިސްޓްރީ ކުރާކަށް ނުޖެހެއެވެ.
ގައުމުން ބޭރުގައި ވޯޓުލާ ބައެއް ގައުމުތަކުގައި ގެންގުޅޭ އުސޫލުތަކަށް ބަލާލަމާހެއްޔެވެ. ބެލަރޫސްއިން ބޭރުގައި ދިރިއުޅޭ ރައްޔިތުންނަށް އިންތިހާބުގައި ބައިވެރިވެވޭނީ ފޯމު ހުށަހަޅައިގެން ކަނޑައެޅިފައިވާ ޑިޕްލޮމެޓިކް މިޝަންތައް މެދުވެރި ކޮށެވެ.
އިންޑިއާ މީހުންގެ ތެރެއިން އެގައުމުން ބޭރުގައި އުޅޭ ސަރުކާރު ވަޒީފާ އަދާކުރާ މީހުންނާއި ސިފައިންގެ މީހުންނަށް ވޯޓުލާން ރަޖިސްޓްރީ ވެވެއެވެ. އެހެންބަޔަކަށް އެފުރުސަތު އިންޑިއާގައި ނުދެއެވެ.
ލޯކަލް ކައުންސިލް އިންތިހާބު 2020 ގެ ވޯޓު ލުމުގެ ތެރެއިން
އަޔަލޭންޑުން ޑިޕްލޮމެޓިކް މިޝަންތަކުގައި ވަޒީފާ އަދާކުރާ ސަރުކާރު އޮފިޝަލުންނަށް ވޯޓު ލުމުގެ ފުރުސަތު ފަހި ކޮށްދީފައިވެއެވެ. އޭގެ އިތުރުން ވޯޓުލުމުގެ ހުއްދަ ދީފައިވާ ހަމައެކަނި ކެޓަގަރީއަކީ ސިފައިންނެވެ. ނެމީބިއާއިން ސައްހަ ވޯޓާސް ރަޖިސްޓްރޭޝަން ކާޑެއް އޮންނަ ކޮންމެ މީހަކަށް ވެސް ވޯޓުލުމުގެ ހައްގު އެގައުމުން ލިބިދީފައިވެއެވެ.
ތެދެކެވެ. ގިނަ ގައުމުތަކުގައި އެގައުމުން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް ވޯޓު ލުމުގެ ފުރުސަތު ދެއެވެ. އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، ސްޕެއިން، ޑެންމާކް، ނެދަލޭންޑްސް، ނޯވޭ، ސްވިޒަލޭންޑް، އެމެރިކާ، ކެނެޑާ، އޮސްޓްރޭލިއާ އަދި ނިއުޒީލެންޑް ފަދަ ގައުމުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ވޯޓުލުމުގެ ފުރުސަތު ދެ އެވެ. އެއީ ދުނިޔޭގެ މުއްސަނދި ގައުމުތަކެވެ.
ނަމަވެސް އެ ގައުމުތަކުގެ ރައްޔިތުން ވޯޓްލުމަށް ގައުމުން ބޭރުގައި، ވޯޓްލާ މަރުކަޒުތައް ގާއިމް ކުރުމުގެ ބަދަލުގައި ބޭނުންކުރަނީ އެހެން އުސޫލުތަކެވެ.
އިނގިރޭސި ވިލާތުން ބޭރުގައި ވޯޓުލާ މީހުން ވޯޓު ފޮނުވަނީ މެއިލް ނުވަތަ ޕްރޮކްސީ މެދުވެރިކޮށެވެ. އިނގިރޭސިވިލާތުން މިހާރު ވިސްނަމުން ދަނީ އެތެރޭގައާއި ބޭރުގައި ވެސް އިންޓަނެޓް މެދުވެރިކޮށް ނުވަތަ ޓެކްސްޓް މެސެޖުން ވެސް ރައްޔިތުންނަށް ވޯޓުލުމުގެ ފުރުސަތު ދިނުމަށެވެ. މާނައަކީ އަގުހެޔޮ ނިޒާމަކަށް ވިސްނުމެވެ.
އެމެރިކާގައިވެސް ގައުމުން ބޭރުގައި އުޅޭ މީހުންނާއި، އޮންލައިންކޮށް ވޯޓްލާން ބޭނުންވާ މީހުންނަށް އެ އިންތިޒާން އިންތިހާބުގެ ކުރިން ވޯޓް ލެވޭނެގޮތަށް ހަމަޖައްސައެވެ.
ދިވެހި ރާއްޖޭގައި ރާއްޖެއިން ބޭރުގައި ވޯޓް ފޮށި ބެހެއްޓުމާއި އެކަމާ ގުޅޭ ކަންކަމަށް އިލެކްޝަންސް ކޮމިޝަނުން ބަޖެޓެއް ކަނޑައަޅާފައިވީ ނަމަވެސް މަރުކަޒަކަށް ހިނގާނެ ހަރަދު ވަކިން ސާފެއް ނުވެއެވެ.
ރާއްޖެއަކީ މީސްކޮޅު މަދު މަތިމައްޗަށް ދަރަނި އޮތް ގައުމެކެވެ. ވޯޓުފޮށިތަކެއް ބޭރު ގައުމުތަކުގައި ބަހައްޓައިގެން ހިނަގާނެ ހަރަދާއި ދިމާވާނެ އެހެނިހެން ކަންކަމަށް ވިސްނަން ނުޖެހޭ ބާވައެވެ. އަދި ވޯޓުލުމުގެ ހައްގު މީހަކަށް ހޯދައި ދިނުމަކީ އެމީހެއްގެ ގެއަށް ވޯޓުފޮށި ގެންދިއުންބާއެވެ. ގައުމުން ބޭރުގައި ތިބި މީހުނަށް ވޯޓްލުމުގެ ހައްގު ދޭނަމަ އެކަމަށް ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ ބޭނުން ހިފަން ތައްޔާރުވާކަން ނުވޭބާއެވެ.؟
ސީއެންއެމް ޕޯލް
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރައްވާނީ ކޮން ބޭފުޅެއް؟