މާލޭގެ ބައެއް ސުކޫލުތަކުން ވަނީ ދަރިވަރުން ޗުއްޓީގައި މާލޭން ބޭރަށް ގޮސްފައިވޭތޯ ބެލުމަށް ބެލެނިވެރިންނަށް މެސެޖުކޮށްފަ އެވެ. އެގޮތުން ދަރިވަރު މާލޭން ބޭރަށް އެއްވެސް ތާކަށް ދަތުރުކޮށްފައިވާނަމަ ދަރިވަރުންގެ ނަމާއި ދަތުރުކުރި ތަންތަން އެކުލާހެއްގެ ޓީޗަރަށް ވަކިން މެސެޖް ކުރުމަށް ވަނީ އެދިފަ އެވެ.
އަންނަ ހަފްތާ ސުކޫލުތަކުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވާއިރު ގިނަ ބެލެނިވެރިން އަންނަނީ ސުކޫލުތައް ބަންދުކުރުމަށް ގޮވާލާފަ އެވެ. އެގޮތުން ބެލެނިވެރިން ބުނަނީ މިދުވަސްވަރު ދަރިވަރުން ސުކޫލުތަކަށް ފޮނުވުން އެހާ ރައްކާތެރި ނޫން ކަމަށެވެ.
ބެލެނިވެރިންގެ އިތުރުން ބައެއް ޑޮކްޓަރުން ވެސް އަންނަނީ މިވަގުތު އެންމެ ރަނގަޅީ ސުކޫލުތައް ބަންދު ކުރުން ކަމަށް ބުނެފަ އެވެ. އަދި ޓީޗާސް އެސޯސިއޭޝަނުން މިއަދު ވަނީ އެބަލިން ރައްކާތެރިވާން އަޅާ ފިޔަވަޅެއްގެ ގޮތުން ގޮތުގައި ސުކޫލުތައް ބަންދުކުރުމަށް ގޮވާލާފަ އެވެ.
ސުކޫލުތައް ބަންދު ކުރުމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސުކޫލުތައް ބަންދުކުރާނީ އެޗްޕީއޭގެ ލަފާގެ މަތިން ކަމަށް ބުނެފަ އެވެ. އަދި އެޗްޕީއޭ އިން ވަނީ ސުކޫލުތައް ބަންދު ކުރާ ހާލަތެއް އަދި ނާންނަ ކަމަށް ބުނެފަ އެވެ.
ކޮރޯނާ ވައިރަސް ރާއްޖެއިން ފެނިމާ ގުޅިގެން ގިނަ ބައެއްގެ ހިތުގައި ބިރުވެރިކަން އުފެދިފައިވާއިރު މިހާތަނަށް އަށް މީހަކު ވަނީ ރާއްޖެއިން އެބައްޔަށް ޕޮސިޓިވް ވެފަ އެވެ. ނަމަވެސް މިހާތަނަށް ދިވެއްސަކަށް އެބައްޔަށް ޕޮސިޓިވް ވެފައެއް ނުވެ އެވެ.