ads
ބިލެއްދޫގައި އަލަށް އިމާރާތްކުރެވުނު ފެނަކަ އިންޖީނުގެ އާއި އޮފީސް އިމާރާތް: އިމާރާތުގައި އެއްފަހަރާ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ - ފޮޓޯ:ފެނަކަ
ބިލެއްދޫއަށް 24 އަހަރުފަހުން އާ އިންޖީނުގެއެއް، ހުޅުވައިދެއްވީ ރައީސް
ފ. ބިލެއްދޫގެ 24 އަހަރުވީ އިންޖީނުގެ ނިއްވާލައި، އަލަށް އިމާރާތްކުރެވުނު އިންޖީނުގެ އާއި އޮފީސް އިމާރާތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

ބިލެއްދޫގައި އަލަށް އިމާރާތްކުރެވުނު ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) އާ އިންޖީނުގެ އާއި އޮފީސް އިމާރާތް ރައީސް ސޯލިހު ހުޅުވައިދެއްވާފައިވަނީ މިއަދު ހެނދުނު އެ ރަށުގެ ބަނދަރު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ވަޒީރުންނާއި މަޖިލީހުގެ މެންބަރުންނާއި ބިލެއްދޫގެ ސަރުކާރު މުއައްސަސާތަކުގެ މުވައްޒަފުންގެ އިތުރުން އާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބައިވެރިވެފައިވެއެވެ.

ބިލެއްދޫގައި ހުޅުވުނު ފެނަކައިގެ އާ އިންޖީނުގޭގެ އިމާރާތާ ގުޅޭގޮތުން ފެނަކައިން ބުނީ މިއީ އެ ކޯޕަރޭޝަނުން ހުޅުވި 19 ވަނަ އިންޖީނުގެ ކަމަށެވެ. ފެނަކައިން ބުނެފައިވަނީ މީގެކުރިން އެ ރަށުގައި ބޭނުން ކުރަމުން އައި އިންޖީނުގޭގެ އިމާރާތަށް 24 އަހަރުވެފައިވާ ކަމަށެވެ.

ކުރީގައި އިންޖީނުގެއެއްގެ ގޮތުގައި ބޭނުންކޮށްފައިވަނީ 19x31 ފޫޓު ބޮޑުމިނުގެ އިމާރާތެއް ކަމަށާއި އޮފީހެއްގެ ގޮތުގައި ބޭނުން ކުރީ 18x16 ފޫޓު ބޮޑުމިނުގެ އިމާރާތެއް ކަމަށް ފެނަކައިން ބުނެއެވެ. ފެނަކައިން ބުނީ އެތަނުގައި ހުރީ ފަސް މުވައްޒަފުންނަށް މަސައްކަތް ކުރާނެ ޖާގަ ކަމަށެވެ.

ފެނަކައިން ބުނި ގޮތުގައި ބިލެއްދޫގައި އަލަށް އިމާރާތްކުރި އިންޖީނުގެއަކީ 74x30 ފޫޓު ބޮޑުމިނުގެ އިމާރާތެއް ކަމުގައެވެ. އެ އިމާރާތުގައި އެއްފަހަރާ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ކުރެވިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. ފެނަަކައިން ބުނެފައިވަނީ އެ ރަށު އިންޖީނުގޭގެ އާ އޮފީސް އިމާރާތަކީ 50x33 ފޫޓު ބޮޑުމިނުގެ އިމާރާތެއް ކަމަށެވެ.

your imageބިލެއްދޫގައި އަލަށް އިމާރާތްކުރެވުނު ފެނަކަ އިންޖީނުގެ އާއި އޮފީސް އިމާރާތް ހުޅުވައިދެއްވާފައިވަނީ ރައީސް ސޯލިހު - ފޮޓޯ:ފެނަކަ

ފެނަކައިން ބުނީ ކުރީގައި ބޭނުން ކުރަމުން އައި އިންޖީނުގޭގައި ހުރީ ކޮންޓްރޯލް ރޫމަކާއި ޑެގްރޫމެއް ކަމަށާއި އޭރުގެ އޮފީސް އިމާރާތުގައި ހުރީ ސްޓާފް އޭރިއާއެއް އެކަނި ކަމަށެވެ. އެހެންނަމަވެސް ހުޅުވުނު އިންޖީނުގޭގައި ކޮންޓްރޯލް ރޫމަކާއި ޑެގް ރޫމަކާއި ވޯކްޝޮޕަކާއި ސްޓޯއަކާއި ޗިމްނީ އާއި ފިއުލް ޓޭންކާއި ޕޭންޓްރީއެއްގެ އިތުރުން ފާހާނައެއް ހުންނާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. ފެނަކައިން ބުނި ގޮތުގައި އަލަށް ހުޅުވި އޮފީސް އިމާރާތުގައި ރިސެޕްޝަނަކާއި ލޮބީއަކާއި މީޓިން ރޫމްއަކާއި މެނޭޖަރު ރޫމްއަކާއި ޓެކްނިކަލް ސްޓާފް ރޫމްއަކާއި ރެސްޓް ރޫމްއަކާއި ޕޭންޓްރީއެއް އަދި ފާހާނާއެއް ހިމެނޭނެ ކަމުގައެވެ.

ފެނަކައިން ބުނެފައިވަނީ މީގެ ކުރިން ބޭނުން ކުރަމުން އައި އިންޖީނުގެ ހުރީ އެ ރަށުގެ ސްކޫލް ކައިރީގައި ނަމަވެސް އާ އިންޖީނުގެ އާއި އޮފީސް އިމާރާތް ބިނާކޮށްފައިވަނީ ބިލެއްދޫގެ ބަނދަރު ސަރަހައްދުގައި ކަމަށެވެ. އެ ރަށަކީ ޖާގައިގެ ގޮތުން ކުޑަ ރަށަކަށްވުމުން އިންޖީނުގެ އެކަހެރި ކުރެވެން ނެތް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް