މި މައްސަލަތަކަކީ މާލޭގެ އެކި ސަރަހައްދަށް އެއްވެ، އަޑުގަދަކޮށް، މުޒާހަރާކޮށް އާންމު ދަތުރުފަތުރަށް ހުރަސްއަޅައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާފައިވާ ކަމަށް ތުހުމަތުކޮށް، ހައްޔަރު ކުރި އަށް މީހެއްގެ މައްސަލައެވެ. އެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިދިނުމަށް އެދި ފުލުހުން މިދިޔަ މަހުގެ 14 ވަނަ ދުވަހު ކޯޓަށް ހުށަހެޅުމުން ކްރިމިނަލް ކޯޓުން އަމުރުކުރީ އެ މީހުން ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށެވެ.
ޝަރުތު ކަނޑައަޅާފައިވާ ޕީޕީއެމްގެ އެކްޓިވިސްޓުން
- އަހްމަދު ވަހީދު – މ. ރީޒަން
- ސަންފާ މުހައްމަދު – ލިލީގެ ލ. ހިތަދޫ
- މަރްޔަމް ސައީދާ – ލަކީލޮޖް ސ. ހިތަދޫ
- ފާތިމަތު ނަޝީދާ – މ. މެއްކު
- ޝަރީފް ޔޫސުފް – ހ. ކުއްޅަވައްގަސްދޮށުގެއާގެ
- އިބްރާހީމް ޒަމީލް – މއ. ސީނުމާ
- އަހްމަދު މުހައްމަދު ވަހީދު – ހިޔާ ގދ. މަޑަވެލި
- މަރިޔަމް ނާޒިމާ – ގ. އަންޒާނީގެއާގެ
ކޯޓުން ކަނޑައެޅި ޝަރުތުތަކަކީ ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމާއި މާލެއިން ފުރައިގެންދާ ނަމަ، ލިޔުމުން ފުލުހުންގެ ހުއްދަ ހޯދައިގެން ނޫނީ ނުދިއުމާ އުޅޭ އެޑްރެސް ނުވަތަ ގުޅޭނެ ނަންބަރު ބަދަލުވެއްޖެ ނަމަ ފުލުހުންނަށް އެކަން އެންގުމާ ރޭގަނޑު 9 އިން ހެނދުނު 6އާ ދެމެދު ގެއިން ބޭރުގައި ނޫޅުމަށެވެ. ބައެއް މީހުންގެ މައްޗަށް ޝަރުތުކޮށްފައި އޮތީ ރޭގަނޑު 8 އިން ހެނދުނު 6އަށް ބޭރުގައި ނޫޅުމަށެވެ.
މި އަމުރާ މެދު ހިތްހަމަނުޖެހިގެން ޕީޕީއެމްގެ އެކްޓިވިސްޓުންވަނީ ކްރިމިނަލް ކޯޓުގެ އެ އަމުރު ބާތިލުކޮށްދިނުމަށް އެދި އިސްތިއުނާފްކޮށްފަ އެވެ.
އެ އަށް މީހުންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން މިއަދު އިއްވި ހުކުމުގައި ބުނެފައިވަނީ ތުހުމަތުކުރެވޭ ފަރާތްތައް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން އެދުނަސް، ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވަނީ ޝަރުތުތަކާ އެކު ދޫކޮށްލުމަށް ކަމަށާއި އެ ގޮތަށް ފަނޑިޔާރު ނިންމެވީ، އެ މީހުންގެ މައްޗަށް ތުހުމަތުކުރެވެނީ ޖިނާއީ ބޮޑު ކުށަކަށް ނުވާތީ އާއި ބަންދުގައި ބަހައްޓަން ޖެހޭ އެކަށީގެންވާ ސަބަބެއް ބުނެދެވިފައި ނުވާތީ ކަމަށް ބުނެ ކަމުން، ތުހުމަތެއްގައި ބަންދުކުރެވޭ މީހެއްގެ މައްޗަށް ޝަރުތުކޮށް ބަންދުން ދޫކޮށްލާ ނަމަ، އެ މީހަކު ކުށް ކުރި ކަމަށް ތުހުމަތުކުރެވޭ ހެކި ހުރިކަން ކޯޓު އަމުރުން ފެންނަންވާނެ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައި ހެކި ވަޒަން ކުރި ގޮތެއް ނުވަތަ ހެކި ދަރަޖަ ކުރި ގޮތެއް އެނގޭކަށް ނެތް ކަމަށާއި އެކަން ދޭހަވާ ސާފު ގާނޫނީ ނައްސެއް ނުވަތަ އިރުޝާދެއް ވެސް ނެތް؛ އެންމެ ކުޑަ މިނުން "ހެކި" މި ލަފްޒު ވެސް ނެތް ހައިކޯޓުގެ ހުކުމުގައި މިއަދު ފާހަގަކޮށްފައިވެއެވެ. އެހެންކަމުން އެ ކަންކަމަށް ރިއާޔަތްކޮށް ހައިކޯޓުން ނިންމީ އެ އަމުރުތައް ބާތިލު ކުރާށެވެ.