
ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އޮންނާނީ އަންނަ މަހު 21 ން ފެށިގެން ޖުލައި ހަތަރަކަށް އިންޑިޔާގެ ބެންގަލޫރުގައެވެ. މި މުބާރާތަށް ތައްޔާރުވާން ރާއްޖޭން އަންނަ ހަފްތާގައި ޖަޕާނުގައި ކޭމްޕުކުރާނެއެވެ.
ބައެއް ކުޅިވަރުތަކުގެ ގައުމީ ޓީމުތަކުގެ މެންބަރުންނާ، ކުޅިވަރު ވަޒީރު އަހްމަދު މަހްލޫފު ބައްދަލުކުރެއްވުމަށް ރޭ ޒުވާނުންގެ މަރުކަޒުގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ޖީއެސް، ޖަވާޒް ވިދާޅުވީ، ސާފް ޗެމްޕިއަންޝިޕުގައި އަމާޒަކީ ތަށި ހޯދުން ކަމަށެވެ.
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭން ކުޅެން ޖެހޭ ފުރަތަމަ މެޗުގައި ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ. ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ހިމެނެނީ ބޫޓާނާއެކު ގްރޫޕް ބީގައެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ލުބްނާނާ ބަންގްލަދޭޝްއެވެ. އަނެއް ގްރޫޕުގައި ކުވައިތު، އިންޑީޔާ ނޭޕާލު އަދި ޕާކިސްތާނެވެ. އެހެންކަމުން ރާއްޖެ ހިމެނޭ ގްރޫޕަކީ ސެމީ ފައިނަލުގެ ފުރުސަތު ހޯދަން ރާއްޖެއަށް ފަސޭހަ ގްރޫޕެކެވެ. ކޮންމެ ގްރޫޕަކުން ދެ ޓީމު ސެމީއަށް ދާނެއެވެ.
ރާއްޖެއާ ބޫޓާން ކުޅޭ މެޗު އޮންނާނީ އަންނަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ގަނޑުއެވެ. މުބާރާތް ފަށާނީ ޖޫން 21 ވަނަ ދުވަހު ހަވީރުއެވެ. ޖޫން 22 ވަނަ ދުވަހުގެ ރޭ ބޫޓާނާ ދެކޮޅަށް ކުޅުމަށް ފަހު ރާއްޖޭގެ ދެވަނަ މެޗުގައި ކުޅޭނީ ޖޫން 25 ވަނަ ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ފަހު މެޗުގައި ޖޫން 28 ވަނަ ދުވަހު ރާއްޖެ ކުޅޭނީ ލުބުނާނާއެވެ.
މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އޮންނާނީ ޖުލައި މަހުގެ ފުރަތަމަ ދުވަހުއެވެ. އަދި ފައިނަލް މެޗު ކުޅޭނީ ޖުލައި ހަތަރުވަނަ ދުވަހުއެވެ.