
ލެސްޓަރ ސިޓީއާއި ލީޑްސް ޔުނައިޓެޑް ޕްރިމިއަ ލީގުން ޗެމްޕިއަންޝިޕަށް ރެލިގޭޓް ވީއިރު، ފަހު މެޗުން މޮޅުވެ އެވަޓަންވަނީ އިނގިރޭސި ޕްރިމިއަރ ލީގުގައި ދެމިއޮވެވޭވަރުކޮށްފައެވެ.
އަންނަ ސީޒަންގައިވެސް ޕްރިމިއަ ލީގުގައި އޮވެވޭވަރު އެވަޓަންއިން ޔަގީންކުރީ ފަހު މެޗުގައި ބޯންމައުތު ބަލިކޮށްގެންނެވެ. އަމިއްލަ ދަނޑުގައި ކުޅުނު މިސީޒަންގެ ލީގުގެ ފަހު މެޗުގައި، އެވަޓަންއަށް މެޗުގެ ހަމައެކަނި ލަނޑު ޖަހައިދިނީ ޑޫކޯހޭއެވެ. އެވަޓަން މޮޅުވިނަމަވެސް ލީގުގައި ދެމިއޮވެވުނީ ލެސްޓަރ ސިޓީ ބަލިވުމުންނެވެ. ލެސްޓަރ ސިޓީ އަމިއްލަ ދަނޑުގައި ބަލިވީ ވެސްޓްހޭމް އަތުން ދެ ލަނޑު އެއް ލަނޑުންނެވެ. ލެސްޓަރ ސިޓީ މޮޅުވިނަމަ އެވަޓަންއަށް ފުރުސަތެއް ނޯންނާނެއެވެ.
ލީޑްސް ޔުނައިޓެޑަށް ފުރުސަތު އޮތީ ފަހު މެޗުން މޮޅުވެ، އެވަޓަންއާއި ލެސްޓަރ ސިޓީ ބަލިވެގެންނެވެ. އެކަމަކު ލީޑްސްއަށްވެސް މޮޅެއްނުވެވުނެވެ. ފަހު މެޗުގައި، އަމިއްލަ ދަނޑުގައި ޓޮޓެންހަމް އަތުން ބަލިވީ ހަތަރު ލަނޑު އެއް ލަނޑުންނެވެ.
ސީޒަން ނިމުނުއިރު ރެލިގޭޓްވީ މާކުރިން ރެލިގޭޓްވި ސައުތުހެމްޓަންއާއި ލީޑްސް ޔުނައިޓެޑާއި ލެސްޓަރ ސިޓީއެވެ. އެވަޓަންއާއި ލެސްޓަރ ސިޓީއާ ދެމެދު އޮތީ ދެ ޕޮއިންޓުގެ ފަރަގެކެވެ.