ads
ޖިންސީ ގޯނާ އާއި ދެކޮޅަށް ބޭއްވި އެއްވުމެއްގެ ތެރެއިން
ކަރަންޓީނުގައި ހުރެ ދޮންދަރިއާ ބެހިގެން 15 އަހަރަށް ޖަލަށް
ކޮވިޑުގެ ތެރޭގައި ކަރަންޓީނުކޮށްފައި ހުރިއިރު އުމުރުން 16 އަހަރުގެ ދޮންދަރިއާ ބެހުނު މީހަކު 15 އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.

2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހިނގި މި ހާދިސާއާ ގުޅިގެން ދޮން ބައްޕަގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް ކުރިއިރު، މި މައްސަލައިގެ ޝަރީއަތުގައި ދޮންބައްޕަވަނީ 16 އަހަރުގެ އަންހެން ކުއްޖާއާ އެކި ފަހަރު މަތިން ޖިންސީ ގޯނާކުރިކަމަށް އިންކާރުކޮށްފައެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ފިރިހެން މީހާވަނީ ކުއްޖާގެ މަންމައާ ކައިވެނި ކުރުމުގެ ކުރިންވެސް އެ ކުއްޖާއާ ބެހެން މަސައްކަތްކޮށްފައެވެ. އެވާހަކަތައް ކުއްޖާގެ މަންމައަށް ކުއްޖާ ކިޔައިދިނުމުން، އެއީ އެކަހަލަ މީހެއް ނޫން ކަމަށް ބުނެފައިވެއެވެ. އެކަމަކު މި ފިރިހެން މީހާ ދިޔައީ މަންމަގެ ނިވަލުގައި ހުރެ އެކި ފަހަރުމަތިން ކުއްޖާއާ ބެހެމުންނެވެ. 

ތަކުރާރުކޮށް އެކި ފަހަރު މަތިން 16 އަހަރުގެ އަންހެން ކުއްޖާއާ އޭނާގެ ދޮންބައްޕަ ބެހެމުން ދިޔަކަން އެންމެ ފަހުން ފަޅާއެރީ ކޮވިޑުގެ ތެރޭގައި ކަރަންޓީނުގައި ހުރެ އޭނާ އެކަން ކުރަން ފެށި ފަހުންނެވެ. ކޮވިޑުގެ ތެރޭގައި ކަރަންޓީނުގައި ދެ ބަފައިން އެއް ގެއެއްގައި ތިބިއިރު، ދޮންބައްޕަވަނީ އަންހެން ކުއްޖާ ނިދާފައި އޮއްވާ އެކި ފަހަރު މަތިން އެ ކުއްޖާއާ ބެހިފައެވެ. 

ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާކޮށްފައިވާ މިި މައްސަލައިގެ ހާދިސާގައި ކުއްޖާ ގޮވައިގެން ސްކޫލަށް ދަމުންނާ، އަދި އެހެންތަންތަނަށް ރޭގަނޑު އެ ކުއްޖާ ގޮވައިގެންގޮސްވެސް ދޮންބައްޕަވަނީ އެ ކުއްޖާއާ ބެހިފައެވެ. 

ކުއްޖާއާ އެންމެ ފުރަތަމަ ބެހެން ފެށުމުން އެ ކުއްޖާ، މަންމައަށް އެވާހަކަތައް ކިޔައިދިނުމުން މަންމަ އަޅާ ނުލިކަމަށްވެއެވެ. ދޮއްބައްޕަގެ ކަންތައް ފަޅާއެރީ މަންމަ ގަބޫލު ނުކުރުމުން، އެ ކުއްޖާ ރައްޓެހި އެހެން ކުއްޖެއްގެ ބެލެނިވެރިންނަށް އެ ވާހަކަތައް ކިޔައިދީގެންނެވެ. އެއީ ކޮވިޑުގެ ތެރޭގައި ކަރަންޓީނުކޮށްފައި ހުރި ދުވަސްވަރަކުއެވެ. 

މި މައްސަލަ އެންމެ ފުރަތަމަ ފަޅާއެރުމާއެކު ކުއްޖާގެ ދޮންބައްޕަވަނީ ހައްޔަރުކޮށްފައެވެ. އަދި މައްސަލައިގެ ހުކުމް ކުރުމާ ހަމައަށްވެސް އެ މީހާ ހުރީ ބަންދުކޮށްފައެވެ. މި މައްސަލައިގައި 15 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު، އޭނާ ތަހުގީގާ ޝަރީއަތުގެ މަރުހަލާގައި ބަންދުކޮށްފައި ހުރި މުއްދަތު އުނިކުރުމަށް ފަހު އޭނާ ޖަލުގައި ދެން ހުންނަން ޖެހޭނީ 14 އަހަރާއި ހަތަރު މަސްދުވަހުއެވެ.

މި މައްސަލައިގައި ހިމެނޭ މީހާގެ ވަނަވަރު އެނގިދާނެ އެއްވެސް މައުލޫމާތެއް މި ހަބަރުގައި ނުހިމެނީ އަނިޔާ ލިބުނު ކުއްޖާގެ މަސްލަހަތު ހިމާޔަތް ކުރުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް