
އަސްލަމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިންތިހާބުތަކާއި ބެހޭ ގާނޫނަށް ހުށަހެޅުނު އިސްލާހަށް ބަހުސްކުރުމުގެ މަރުހަލާގަ އެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުނު ކުއްލި މައްސަލައަށް އަމާޒުކޮށް އަސްލަމް ވިދާޅުވީ ދޮގު މައުލޫމާތު ފެތުރުމާއި ފިތުނަ ފަސާދަ އުފެއްދުމުގެ އިތުރުން މީހުންގެ އަބުރު ކަތިލުމަކީ ޑިމޮކްރަސީ ދަންނަ އެއްޗެއް ނޫން ކަމަށެވެ.
ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގައި ބުނެފައި ވަނީ ޗެނަލް 13 އިން ދެއްކި ޕްރޮގްރާމެއްގައި ކިޔާފައިވާ އެއްޗެއްގެ ސަބަބުން ބްރޯޑްކާސްޓިން ކޮމިޝަނުން ޗެނަލް 13 އަށް އިންޒާރު ދީފައިވާ ކަމަށެވެ.
ޗެނަލް 13 އަށް ދިން އިންޒާރަކީ ސަރުކާރުގެ ނުފޫޒުން ކުރުވި ކަމެއް ކަމަށާއި މިއީ ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރުމަށް ކުރި ކަމެއްގެ ގޮތުގައި ޝިޔާމް ސިފަ ކުރެއްވި އެވެ.
ޗެނަލް 13 އަށް އިންޒާރު ދިނީ އެ ޗެނަލްގެ ޕްރޮގްރާމެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ނިސްބަތްކޮށް ނަމެއް ކިޔުމުންނެވެ.
އަސްލަމް ވިދާޅުވީ މި މައްސަލަ ބަލައި ނުގަންނަން އެމްޑީޕީން ނިންމީ މިއީ ކުއްލި މައްސަލައަކަށް ނުވާތީ ކަމަށެވެ. އަދި މިފަދަ މައްސަލަތައް މަޖިލީހަށް ހުށަހަޅަން އެހެނިހެން އުސޫލުތަކެއް އޮންނަ ކަމަށް އަސްލަމް ވިދާޅުވި އެވެ. އެގޮތުން ކޮމިޓީތަކަށް ހުށަހެޅުމާއި ގަރާރެއްގެ ގޮތުގައި މަޖިލީހަށް އެ މައްސަލަ ހުށަހެޅުން އަސްލަމް ފާހަގަ ކުރެއްވި އެވެ.
އަސްލަމް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން ގެއްލިގެން ދާފަދަ އެއްވެސް ކަމަކީ އެމްޑީޕީން ތަރުހީބު ދޭނެ ކަމެއް ނޫން ކަމަށާއި ނަމަވެސް އޭގެ މާނަ އަކީ ނޫސްވެެރިކަމުގައި ހިތު ހުރިހާ އެއްޗެއް ގޮވުމެއް ނޫން ކަމަށެވެ.
އަސްލަމްގެ ވާހަކައިގައި ސިޔާސީ އުކުޅެއްގެ ގޮތުގައި އެކަން ނުދެކޭ ކަމަށް ބުނެފައި ވަނީ ސިޔާސީ ލީޑަރުންނަށް ނަންނަމުން ގޮވުމަކީ ސިޔާސީ އުކުޅެއް ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވުމުންނެވެ.
އީވާގެ ވާހަކަފުޅުގައި މައުމޫނުގެ ދައުރުން ފެށިގެން އައި ހުރިހާ ވެރިކަމެއްގައިވެސް އިދިކޮޅުން ވެރިމީހާއާއި ދިމާލަށް ނަންނަމުން ގޮވާފައިވާކަން ފާހަގަ ކުރެއްވި އެވެ.